އަންނަ އަހަރުގެ ތެރޭގައި ބޮޑު ތިލަދުންމައްޗަށް ކްރޫޒް ފަތުރުވެރިކަން ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.
މަޢުސޫމް މިހެން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މެންބަރު ހަސަން އަޙްމަދު އެއްސެވީ، ދިވެހިރާއްޖޭގެ މުޅި އިޤްތިޞާދަކީ ފަތުރުވެރިކަމަށްވެފައި، ދުނިޔޭގެ ކްރޫޒްލައިންތައް ދުނިޔޭގެ އެތައް މިތަނަށް ދަތުރުކުރާއިރު، ރާއްޖެއަކީ ރީތި ޤައުމަކަށްވާތީވެ، ކްރޫޒްލައިންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިސްތިހާރުކުރައްވަން މިނިސްޓަރު ވިސްނާވަޑައިގެންފައިވޭތޯއެވެ.
ޖަވާބުގައި މިނިސްޓަރ މަޢުސޫމް ވިދާޅުވީ، ކްރޫޒް ފަތުރުވެރިކަމަކީ ރާއްްޖެއަށް ވަރަށް ފަހިވާންޖެހޭ ޓޫރިޒަމެއް ކަމަށާއި، އެމަސައްކަތް ފައްޓަވައިގެން ކުރިއަށް ވަޑައިގަންނަވަމުން އަންނަ ކަމަށެވެ.

"ކްރޫޒް ތޫރިޒަމަކީ ރާއްްޖެއަށް ވަރަށް ފަހިވާންޖެހޭ ޓޫރިޒަމެއް. އަޅުގަނޑު އެމަސައްކަތް ފަށައިގެން މިއަންނަނީ. އެނގިވަޑައިގަންނަވާނެ އަޅުގަނޑު ހަމަޔަޤީނުންވެސް އިއްޒަތްތެރި ރައީސް ޓޫރިޒަމްގެ ކަންތައްތަކަށް އުޅެންފެށިއިރުންސުރެ ވާހަަކަ ދެކެވޭ ވާހަކައެއް މީ ކްރޫޒް ޓާމިނަލްގެ ވާހަކަ. ދެން އެއީ ފަހުގެ ކަމެއް. އެހެންނަމަވެސް ކްރޫޒް ޓާމިނަލް ނެތަސް ކްރޫޒް ތޫރިޒަމް ކުރިއަށް ގެންދެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް ކްރޫލް ފަތުރުވެރިކަން ތައާރަފްކުރުމަށް ކުރައްވަމުން އަންނަ މަސައްކަތުގައި ކުރިމަގެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"އެހެންވީމާ އެމޭރުމުން މަސައްކަތް ކުރުމުގެ ގޮތުން އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީން ކެރީބިއަން ކްރޫޒްއާވެސް މަޝްވަރާކުރެވި 2023 ގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ކްރޫޒް ޓޫރިޒަމް ގެނެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އެބޭފުޅުންނާ އަދި ރާއްޖޭގެ ކްރޫޒް އޮޕަރޭޓްކުރާ އެޖެންޓަކާ އެއްކޮށް އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާގެ އަލީގައި ބޮޑު ތިލަދުންމަތީގައި ކްރޫޒް ލައިނަރ ކޯލް ކުރާނެ ތަންތަނާ އެއްޗެހި އައިޑެންޓިފައި ކުރެވި އެބޭފުޅުންނާ ހިއްސާކުރެވިފައިވަނީ. އަޅުގަނޑުމެން މިބަލަނީ މިކަމުން ކުރިމަގެއް ލިބޭނެކަމަށް." މިނިސްޓަރު މަޢުސޫމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިކަން ކާމިޔާބު ކުރުމަށްޓަކައި ބައެއް އިދާރީ ކަންކަން ބަދަލުކުރަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"މީގައިވެސް އިދާރީ ކުޑަކުޑަ ކަމެއް އަޅުގަނޑުމެން ބަދަލުކޮށްލަންޖެހޭ ކަމެއް އެބައޮތް. އެއީ ރާއްޖެއަށް ބޭރު މީހަކު ޕާސްޕޯޓްގައި އެތެރެވުމަށްފަހު ޓޫރިސްޓެއް ވެއްޖިއްޔާ އޭނައަށް ރަށްރަށަށް ދިއުމުގެ އިޙްތިޔާރު ލިބެންޖެހޭ. މިވަގުތު ހުރި ބައެއް ގަވާއިދުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ސީދާ ނުގުޅޭ ގަވާއިދުތަކެއްގެ ތެރެއިން އެމަގު އެބަ ހަނިކުރޭ. އަޅުގަނޑުމެންނާ ހިސާބަށް ކްރޫޒް މަސައްކަތް ކުރައްވާ ފަރާތްތަކުން މި ވާހަކަ އޮތީ ގެނެސްފައި، އެހެންވީމާއެ ލައިން އެޖަންސީތަކާ ގުޅިގެން ޓޫރިސްޓެއް ގޮތަށް ޕާސްޕޯޓްގައި އެތެރެވުމަށްފަހު ދެން އޭނައަސށް ހާއްޞަކޮށް މީހުން އުޅޭ ރަށަރަށަށް ދަތުރުކޮށް ، ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނާ ހަމައަށް ލިބޭނެ ގޮތަށް އޭނައަށް ރަށަރަށަށް ގޮސް ސްވެނިއަރ އެއް ގަނެލަން، އެހެންނޫނީ މީހުން އުޅޭ ރަށެއްގެ ރެސްޓޯރެންޓަކަށް، ވަދެ އެއްޗެއް ކާލުމުގެ ފުރުޞަތު ލިބޭގޮތަށް މިދެންނެވި ގަވާއިދު ބަދަލުވުމަކީ މުހިންމު ކަމެއްކަމުގައި ދެކެން." ކްރޫޒް ފަތުރުވެރިކަމާ ގުޅޭގޮތުން ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ބޮޑުތިލަދުންމައްޗަކީ ފަތުރުވެރިކަމުގެ ހަރަކާތްތައް އެންމެ މަދު ސަރަހައްދެކެވެ. އެ ސަރަހައްދަށް ފަތުރުވެރިކަން ފުޅާކުރުމަށް ކޮންމެ ސަރުކާރަކުންވެސް ވައުދުވެއެވެ. ނަމަވެސް މިއަދާ ހަމައަށް އެ ވައުދު އެއްވެސް ވެރިކަމަކަށް ފުއްދިފައެއް ނެތެވެ.



