މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޙިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
އެގޮތަށް ފާސްކޮށްފައި ވަނީ މިއަދު އޮތް އެ ކުންފުނީގެ 2020 ވަނަ އަހަރުގެ އަަހަރީ އާންމު ޖަލްސާގައެވެ. މި ޖަލްސާ ކުރިޔަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށެވެ.
އެމްޓީސީސީ އަކީ ސަރުކާރުން ހިންގާ ތަރައްޤީޤެ ވަރަށް ގިނަ މަޝްރޫޢުތަކެއްގެ ބިޑް ކާމިޔާބު ކުރައްވާފައިވާ ކުންފުންޏެކެވެ. އެކުންފުނިން ގެންދަވަނީ ވަރަށް ގިނަ ރަށްރަށުގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގަވަމުންނެވެ.
މިދިޔަ 2020 ވަނަ އަހަރު އެމްޓީސީސީ ގްރޫޕުން 1.38 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި
2020 ވަނަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 190.69 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއަދަދަކީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ. 2020 ވަނަ އަހަރު އެމްޓީސީސީ ގްރޫޕުން ވަނީ 1.38 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައެވެ.
އެކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެފައި ވަނީ 30 ޙިއްސާ ދާރުންނެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 07 ޙިއްސާދާރުން ތަމްސީލު ކުރެވުއިރު، ޖަލްސާގައި މުޅިއަކު ތަމްސީލުވީ 37 ޙިއްސާދާރުންނެވެ. އެއީ މުޅިއަކު 5،551،957 ޙިއްސާއެވެ.
މި ޖަލްސާގައި އެ ކުންފުނީގެ މިދިޔަ އަހަރަށް ޙިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ޙިއްސާއަކަށް 03 ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެކުންފުނީގެ 2020 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓް އަދި 2019 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ.
މި ޖަލްސާގައި 2021 ވަނަ އަހަރަށް އެކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ކުންފުނީގެ ޙިއްސާދާރުން ހޮވާފައިވަނީ ޕްރައިސްވޯޓަރހައުސްކޫޕާސް އެވެ.