ތިމާވެށީގެ ޤާނޫނަށް ޚިޔާލު ހޯދަން ހުޅުވާލައިފި

ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ "ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލް" އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ.

އަދި މި ބިލަށް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 27 ޖޫން ގެ ކުރިން ކޮމިޓީގެ އީ-މެއިލް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މިއިޢުލާނުގައި ވެއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ތިމާވެއްޓަކީ، އަންނަންއޮތް ޖީލުތަކަށް ހެޔޮގޮތުގައި ދަމަހައްޓައިދޭންޖެހޭ އަގުހުރި ތަރިކައެއް ކަމަށްވާތީއާއި، ރާއްޖޭގެ ތިމާވެށީގައި ހިމެނޭ ރާއްޖޭގެ ފަސްގަނޑާއި، ފެނާއި، ގަސްގަހާގެއްސާއި، ގޮނޑުދޮށްތަކާއި، ފަޅުފަޅާއި، ފަރުފަރާއި، މިނޫންވެސް މިފަދަ ތަންތަނާއި، ކަނޑުތަކާއި، ޖައްވާއި، އެތަންތަނުގައިވާ ތަކެއްޗާއި، އެތަންތަނުގައި އުޅޭ ތަކެތީގެ ތެރެއިން އިންސާނުންނަށް ގެއްލުންދޭ ނުވަތަ އުނދަގޫކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމާ، އެތަންތަނާއި ތަކެތީގެ ސަބަބުން ލިބޭ ފައިދާތައް ދަމަހައްޓައި އިތުރު ކުރުމަކީ، ރާއްޖެ ދެމިއޮތުމަށާއި ރާއްޖޭގެ ކުރިއެރުމަށް ޙިއްޞާކޮށްދޭނެ ކަންތައްތަކެއް ކަމަށްވާތީ، މިކަންކަމުގެ މައްޗަށް ދިވެހި ސަރުކާރާއި ރައްޔިތުން ޚާއްޞަ ސަމާލުކަމެއް ދޭންވާނެކަމަށެވެ.

އަދި  ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ގޮތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ތަނަކަށް، ކުނި ނުވަތަ ތެޔޮ ނުވަތަ ވިހަ ގޭސްފަދަ އެއްޗެއް އުކާލައިގެން ނުވަތަ
އަޅައިގެން ނުވާނެކަމަށް މިޤާނޫނުގައި ބުނެފައިވާއިރު، މިފަދަ ތަކެތީގެ ތެރެއިން ކޮންމެހެން އުކާލަންޖެހޭ ތަކެތި އުކާލަންވާނީ ނުވަތަ އަޅަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ތަންތަނަށްކަމަށާއި، އެފަދަ ތަކެތި އަންދާލައިގެން ނައްތާލާނަމަ އެކަން ކުރަންވާނީ، މީހުންގެ ޞިއްޙަތަށް ގެއްލުން ނުވާގޮތަށް، އެކަށީގެންވާ ރައްކާތެރި ކަމާއެކުގައިކަމަށްވެސް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ