މުޅި ރާއްޖެ ގުޅާލާ ފެރީ ނިޒާމަށް ކުވެއިތު ފަންޑުން އެހީވަނީ

ރާއްޖޭގެ އެކި ސަރަހައްދުތައް ވަކި ހަބުތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ތައާރަފު ކުރަން ހުށަހެޅި ފެރީގެ ނިޒާމަށް އެހީތެރިވާނެ ކަމަށް ކުވޭތު ފަންޑުން ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްގީ ގެންދިއުމަށް ސަރުކާރުން ހުށަހަޅާފައިވާ ސްޕޭޝަލް ޕްލޭން ތަންފީޒު ކުރަން ކޮންމެހެން ބޭނުންވާ ދަތުރުފަތުރުގެ ނިޒާމް ޑިޒައިން ކުރުމަށް ބޭރުގެ އެހީތެރި ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެދިވަޑައިގެންފައިވަނީ، މިހާރު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ "މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް" ގެ ތެރެއިންނެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، އެ ޕްލޭންގެ ދަށުން މުޅި ރާއްޖެގައި ސަރަހައްދީ ފަސް ހަބެއް ގާއިމު ކުރަން ވަނީ ވިސްނާފަ އެވެ. އެއީ އާބާދީގެ ނިސްބަތުން އިގުތިސޯދަށް އެކަށީގެންވާ ދައުރެއް އަދާ ކުރެވޭނެ ސަރަހައްދުތަކަށް ބަލައިގެން އެކުލަވާލާފައިވާ ޕްލޭނެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، މި ނިޒާމުގެ ދަށުން ދަތުރުފަތުރުގެ މައި ހަބުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ހދ.ކުޅުދުއްފުއްޓާއި، ޅ.ނައިފަރާއި، ގދ.ތިނަދޫ އަދި ގަމުގައި ކަމަށެވެ. އަދި މި ފަސް ރީޖަނަލް ހަބާއެކު އިތުރު ނުވަ ސަބް ރީޖަނަލް ހަބް ވެސް ގާއިމު ކުރައްވާނެކަމަށް ވިދާޅުވި ނަމަވެސް، އެ ތަންތަނުގެ ތަފްސީލެއް މިނިސްޓަރ ނުދެއްވައެވެ.

"އާބާދީގެ ނިސްބަތަށް ބަލާއިރު، އަޅުގަނޑުމެންނަކަށް ނެތް ވަކިވަކިން ހުރިހާ ރަށްތަކެއްގައި ތައުލީމާއި ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް. އެގޮތަށް އެކަން ކުރަން ވިސްނައިފިނަމަ، ސަރުކާރަށް މާލީ ގޮތުން ވަރަށް ބޮޑު ބުރައަކަށް ވެގެންދޭ،" މި ހަބުތައް ތަރައްގީ ކުރުމުން، ވަށައިގެން ހުރި ގިނަ ރަށްތަކަކަށް ތަރައްގީއާ އިގުތިސޯދީ މަންފާ ކުރާނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ކޮންމެ ރަށަކުން ވެސް މަދުވެގެން 20 މިނެއްޓު ތެރޭގައި އެއާޕޯޓަކަށް ދެވޭނެ ގޮތަށް އެއާޕޯޓްތައް ތަރައްގީ ކުރުން ކަމަށާއި، އެގޮތުން ރަނގަޅު ފެންވަރުގެ ފެރީގެ ނިޒާމަކާއެކު އިތުރު ފަސް ރީޖަނަލް އެއާޕޯޓް ގާއިމު ކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އަސާސީ ހިދުމަތްތަކާއި، ތަރައްގީ ގެނައުމަށް ގާއިމު ކުރަން ވިސްނާފައިވާ ހަބުތަކަށް އެންމެ ބޭނުންވަނީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުން ކަމަށެވެ. ނަމަވެސް، އެފަދަ ނިޒާމެއް ޑިޒައިން ކުރުމުގެ ގާބިލުކަން ރާއްޖޭގައި ނެތް ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރި ކަމަށް އެދޭ ކަމަށެވެ.

"މި ސްޕޭޝަލް ޕްލޭން ކާމިޔާބު ކުރުމަށްޓަކައި މިހާރުން މިހާރަށް ބޭނުންވަނީ އެ ހަބުތައް ގުޅާލާނެ ރަނގަޅު ފެރީ ނިޒާމެއް ގާއިމު ކުރުން. އެކަމަކު އަޅުގަނޑުމެންގެ ނެތް އެކަމަށް ބޭނުންވާ ފަންނީ ގާބިލު ކަމެއް. އެހެންވީމަ، މި ފޯރަމްގައި އަޅުގަނޑު މި އެދެނީ އެ ނިޒާމް ޑިޒައިން ކުރަން މިތާ ތިއްބެވި ބޭފުޅުންގެ އެހީތެރި ކަމަށް،" މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ޕެނަލިސްޓުންގެ ވާހަކަފުޅަށްފަހު، ސުވާލުތަކަށް ހުޅުވާލި ފުރުސަތުގައި، އެ ފޯރަމްގައި ކުވެއިތު ފަންޑު ތަމްސީލް ކުރައްވާ މަންދޫބު ވަނީ މިނިސްޓަރުގެ އެދިވަޑައިގެންނެވުމަށް އިޖާބަ ދެއްވައި ވިދާޅުވީ، ކުވެއިތު ފަންޑުން އަންނަނީ 1976 ފެށިގެން ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދެމުން ކަމަށާއި، މިނިސްޓަރު އަސްލަމް ހުށަހެޅުއްވި ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ އެހީތެރިކަން ކުވެއިތު ފަންޑުން ފޯރުކޮށް ދެއްވާނެ ކަމަށެވެ.

ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުސަތަތުތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދާ، މިއަދާއި މާދާމާ ކުރިއަށްދާ މި ފޯރަމުގައި 35 ގައުމެއްގެ 27 ޖަމިއްޔާ އަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. 

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް