ކޮވިޑާއި ގުޅިގެން ޓެކްސް ދެއްކުމުގައި އިތުރު ލުއި ގޮތްތަކެއް!

ކޮވިޑް-19 އާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ރިޢާޔަތްކޮށް، ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، އިންސްޓޯލްމަންޓް އުސޫލުން މީރާއަށް ފައިސާ ދެއްކުމުގެ އުސޫލަށް އިތުރު ލުއިފަސޭހަތަކެއް އެއޮތޯރިޓީން ތަޢާރަފްކޮށްފިއެވެ.

އެގޮތުން، މީރާއިން ބުނީ، އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އެއްބަސްވުމަށް އައުމުގެ ގޮތުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އާދެވޭނެ އިންތިޒާމާއި، އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ދެވޭގޮތަށް މިހާރު ހަމަޖެހިފައިވާކަމަށާއި، މިގޮތުން، މީގެ ކުރިން ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ނުދައްކައިވާ ފައިސާގެ %50 ނަގަމުން ދިޔަނަމަވެސް އެ އިންސައްތަ މިހާރު ވަނީ %5 އާއި %10 އާ ދެމެދަށް ކުޑަ ކުރެވިފައިވާކަމަށެވެ.

އަދި 2 މަހާއި 26 މަހާ ދެމެދުގެ މުއްދަތަށް އިންސްޓޯލްމަންޓްގެ ގޮތުގައި ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް މިހާރު ހަމަޖެހިފައިވާއިރު، މި ލުއިތައް ހަމަޖައްސައިދޭނީ ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރީގެ ފަންތިއާއި، އެފަރާތުގެ 2020 ވަނަ އަހަރުގެ އާމްދަނީއަށް ބަދަލުއައިސްފައިވާ މިންވަރަށް ރިޢާޔަތްކޮށްކަމަށްވެސް މީރާއިންވަނީ ބުނެފައެވެ.

މީރާއިން ބުނީ، މިހާލަތުގައި ދޭ އިތުރު ލުޔެއްގެ ގޮތުން، އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަން އެގްރީމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމާއި އަދި ޓެކްސް ދައްކާ ފަރާތުން ބޭނުންވާނަމަ، މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓް ރިޝެޑިއުލްކޮށް ދޭނެކަމަށެވެ.

މީގެ އިތުރުން، ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާނަމަ، ޓެކްސް ދައްކާ ފަރާތުން އެދުމުން، އެފަރާތުން ނުދައްކައިވާ ޓެކްސް ދެއްކުމުން ނުވަތަ ޓެކްސް ދެއްކުމަށް އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން، ޓެކުހާ ގުޅޭގޮތުން ވެފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް މީރާއިން ބުނެއެވެ.

އަދި އެހެން އިދާރާތަކުގެ ބޭނުމަށް ޓެކްސް ކްލިއަރެންސް ދޫކުރުމުގައި ނުދައްކައިވާ ޓެކުހާ ގުޅިގެން އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން ޓެކްސް ކްލިއަރެންސް ދޫކުރުމަށް ވެސް ހަމަޖެހިފައިވާއިރު، މި ލުއިތަކަކީ ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ލުއިތަކެއްކަމަށާއި، މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހެން ވިޔަފާރިތަކަށްވުރެ އިތުރަށް ލުއިވާނޭ އުސޫލަކުކަމަށްވެސް މީރާއިން މަޢުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ