ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވަން ނިންމައިފި

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއުލާނު ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަލުން ވިސާ ދޫކުރަން ސަރުކާރުން ނިންމާފައިވާކަމަށާއި، އެގޮތުން މިސަރަޙައްދުގެ ފަތުރުވެރިންނަށް ވިސާ ދޫކުރަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރަމުން ދިޔަ ވަގުތެއްގައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ވިސާ ދޫކުރުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.

މިފެށޭ ޖުލައި 15 އިން ފެށިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ވިސާ ދޭން ނިންމާފައިވާކަން ޓޫރިޒަމް މިނިސްޓްރީންވެސް ހާމަކޮށްފައިވާއިރު، އެމިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ދެކުނު އޭޝިއާގެ ފަތުރުވެރިންނަށްވެސް ރާއްޖެ އެތެރެވެވޭނީ ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކުކަމަށެވެ.

މީގެއިތުރުން ދެކުނު އޭޝިއާ އިން ރާއްޖެއަށް މަސައްކަތް ކުރަން އަންނަ މަސައްކަތްތެރިންނަށް ވާކްޕަމިޓް ދޫކުރުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެކަމަކު އެމީހުން ރާއްޖެ އައިސް ކަނޑައަޅާ ވަކި މުއްދަތަކު ކަރަންޓީނު ވާން ޖެހޭނެ ކަމުގައި ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ