ދިވެހިރާއްޖޭގެ ދެމަފިރިންގެ ކައިވެނީގެ އުފަލުގައި ފަލަސްޠީންގެ ކުދިން ބައިވެރިކޮށް އެކުދިން ހެއްވާލައިފިއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ފޭސްބުކް ޕޭޖުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ކައިވެންޏެއް ކުރެވޭހިނދު ވަލީމާދިނުމާއި، ނިކަމެތީންނާއި މިސްކީނުން މަތިން ހަނދުމަކޮށް އެމީހުންނަން އެހީތެރިވުމަކީ ކައިވެނީގައި ބަރަކާތްލެއްވިގެންދާނެ ކަމެއްކަމަށާއި، އެގޮތުން އެފަރާތްތަކުން ހިއްސާ ކުރައްފައިވާ ފޮޓޯ ތަކަކީ ދެ ދިވެއްސެއްގެ ކައިވެނީގެ އުފަލުގައި ކޮށްފައިވާ ޞަދަޤާތުގެ މަންޒަރުތަކެއްކަމަށެވެ.
މި ފޮޓޯތަކުގައި މިވަނީ ދެ ދިވެއްސެއްގެ ކައިވެނީގެ އުފަލުގައި އެދެމަފިރިން ކޮށްފައިވާ ޞަދަޤާތުގެ މަންޒަރުތަކެއް" ފޮޓޯ ހިއްސާކުރައްވަމުން ޕޭޖުން ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.
ދިވެހިންގެ ހިތްތަކުގައި ފަލަސްޠީންގެ މުސްލިމުންނަށް ވަކިން ޚާއްސަކޮށް ހަލުގައި ޖެހިފައިވާ ކުޑަކުންނަށް ވަނީ ވަރަށް މަތިވެރި ލޮއެއްބެއް އުފެދިފައެވެ.
އެގޮތުން ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގެ ޣަޒާއަށް ދެމުންގެންދިޔަ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ އެތައް ހާސް މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިން ވަނީ މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ.
"ލޯތްބާއެކު 2021" ގެ ނަމުގައި މުޅި ރާއްޖޭގައި ހިންގުނު ކެމްޕެއިން އިން 13،099،797.70 ރުފިޔާ ވަނީ ފަލަސްޠީންގެ މުސްލިމުންނަށް އެހީތެރިވުމަށް ހޯދާފައެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ޓީމުން މިދިޔަ ޖޫމް މަހުގެ ފަހު ކޮޅު ބުނެފައި ވަނީ ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވުނު "ލޯތްބާއެކު 2021" ގެ ތެރެއިން ޣައްޒާއަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވުނު އެމަރޖެންސީ ޕްރޮޖެކްޓަށް ދިވެހިންގެ ތަރުޙިބު ބޮޑުވެ އޭގެ މުއްދަތު އިތުރު ކުރަންޖެހުނުކަމަށެވެ.
އެގޮތުން އެކި މުއައްސަސާތަކުންނާއި، ރަށްރަށުން އަދި ކުދިބޮޑު ވިޔަފާރިތަކުންނާއި އާއްމު ފަރުދުންގެ އެހީގެ ގޮތުގައި ލިބުނު ފައިސާ ތަފާތު ގޮތްގޮތުން ފަަލަސްޠީނުގެ ރައްޔިތުންނަން ފޯރުކޮށްދެވެމުން ދާކަމުގައި އެ ޓީމުން ވަނީ ބުނެފައެވެ.
މިހާތަނަށް ދިވެހިންގެ އެހީގެ ދެ ޤާފިލާއެއް ވަނީ ޣައްޒާއަށް ފޮނުވާފައެވެ.