މީރާގެ ސެންޓަރުތައް ހުޅުވައިގެން ހިދުމަތް ދޭން ފަށަނީ

މާދަމާއިން ފެށިގެން ޓެކްސްޕޭޔާ ސާވިސް ސެންޓަރާއި ހުޅުމާލެ ކަލެކްޝަން ސެންޓަރުން ހިދުމަތް ދޭން ފަށަން ތައްޔާރުވެފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން މިއަދު ނެރެފައިވާ އިޢުލާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތްނުކުރާ ގޮތަށް ހަމަޖައްސަވައިފައި އޮތްއޮތުން ނިމުމަކަށް ގެނައުމާއި ގުޅިގެން މި ހިނގާ ޖުލައި މަހުގެ 4 ވާ އާދީއްތަ ދުވަހުން ފެށިގެން، ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައިވާތީ، އެ ދުވަހުން ފެށިގެން މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުންނާއި ހުޅުމާލެ ކަލެކްޝަން ސެންޓަރުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މީރާއިން ބުނިގޮތުގައި ނަންބަރު ދޫކުރާނީ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށެވެ.

މީރާއިން އިތުރަށް ބުނީ، ސަރވިސް ސެންޓަރުން ޓޯކަން ނަންބަރު ދޫކުރުމުގެ ބަދަލުގައި ޓޯކަން ނަންބަރު ދޫކުރާނީ މީރާގެ މޯބައިލް އެޕްލިކޭޝަން އަދި "ކިއު-ބީ" އެޕްލިކޭޝަން މެދުވެރިކޮށްކަމަށާއި، މި އެޕްލިކޭޝަންތައް މެދުވެރިކޮށް އޮންލައިން ޓޯކަން ނެގެން ނެތްނަމަ، މީރާގެ 3020460 ނަންބަރު ފޯނާ ގުޅައިގެން ޚިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހެއްދޭނެކަމަށެވެ.

އަދި މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރަށް ވަޑައިގަންނަވާ ފަރާތްތަކުން އިޖުތިމާއީ ގައިދުރުކަމާއެކު ޚިދުމަތް ހޯދުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން މީރާއަށް ހުށަހަޅާ އެންމެހައި ޓެކްސްބަޔާނާއި ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާތީއާއި، ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުން މުހިއްމު ކަމުގައިވާތީ، އޮންލައިންކޮށް މީރާގެ ޚިދުމަތް ހޯދުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ