ބުރުގާ އެޅުމަށްފަހު، ޝިފާގެ ޓިކްޓޮކް އެކައުންޓް "ސާފު" ކޮށްލައިފި!

އެންމެ ފުރަތަމަ ޓިކްޓޮކް އިން މީހުންގެ ސަމާލުކަން ހޯދި އަދި ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް ޝިފާ ބުރުގާ އެޅުމަށްފަހު، އޭނަގެ ކުރީގެ ހުރިހާ ޓިކްޓޮކްއެއް ފުހެލައިފިއެވެ.

ޝިފާ ބުރުގާ އެޅިކަން ހާމަކުރީ އޭނަގެ އިންސްޓަގްރަމް ސްޓޯރީގައި މިދިޔަ ހޮނިހިރު ދުވަހު ހިއްސާކުރި ޕޯސްޓަކާއެކުއެވެ. ބުރުގައި އަޅައިގެން ހުރި ފޯޓޯއެއް ހިއްސާކޮށް، ޝިފާ ބުނީ މިއީ "އާ ފެށުމެެއް" ކަމަށެވެ. އަދި ޝިފާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ،  ބުރުގާ އެޅީ މަންމަގެ "ޕްރޮމިސް"އެއް ފުރިހަމަ ކުރުމަށް ކަމަށެވެ.

ޝިފާގެ ޓިކްޓޮކް އެކައުންޓުގައި، ކުރިން ބުރުގާ ނާޅާއިރު ކުޅެފައިވާ އެތައް ޓިކްޓޮކް ވީޑިއޯތަކެއް ހުރިއިރު، މިހާރު ވަނީ އެ ވީޑިއޯތައް ފުހެލައިފައެވެ. އަދި އިންސްޓަގްރަމް އަށް ލާފައިވާ އެ ޓިކްޓޮކް ވީޑިއޯތައްވެސް އޭނާ ވަނީ ފުހެލައިފައެވެ. ބުރުގާނާޅާ ހުރި ޝިފާގެ ޓިކްޓޮކް ވީޑީއޯތައް ފުހެލައިފައި މިވަނީ، ބުރުގާ އެޅުމަށްފަހު އެ ވީޑިއޯތައް ބެހެއްޓުމުން ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިހާރު އޭނަގެ ޓިކްޓޮކް އެކައުންޓުގައި ހުރީ ބުރުގާ އެޅުމަށްފަހު ކުޅެފައިވާ ދެތިން ވީޑިއޯއެކެވެ. ޝިފާގެ ޓިކްޓޮކް އެކައުންޓުގައި ނުވަދިހަ ހާހަށްވުރެ ގިނަ ފޮލޯވަރުން އުޅޭއިރު، މިލިއަނަކަށްވުރެ ގިނަ ލައިކްސް އޭނަގެ އެކައުންޓަށް ވަނީ ލިބިފައެވެ. ޝިފާއަކީ، ޓިކްޓޮކްގައި ދިވެހިންގެ އެންމެ ބޮޑު ސަމާލުކަން ލިބިފައިވާ އެއް ފަންނާނެވެ.

ޓިކްޓޮކް އިން އެންމެ ފުރަތަމަ މަޝްހޫރުކަން ހޯދި، ޝިފާ މިއީ ބުރުގާ އެޅި ދެވަނަ ފަހަރެވެ. ޓިކްޓޮކަށާއި ފިލްމީދާއިރާއަށް ނުކުމެ އާއްމުންގެ ތެރެއަށް މަޝްހޫރުވުމުގެ ކުރިން، މޯލްޑިވިއަން އައިޑަލްގައިވެސް ބައިވެރިވެފައިވާ ޝިފާ އޭރު ފެނިގެންދިޔަ އިރު ހުރީ ބުރުގާ އަޅައިގެންނެވެ.

ފިލްމީ ދާއިރާއަށް ނިކުތްތާ ކުޑަ ދުވަސްކޮޅެއްގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައިވާ މި ތަރިއަކީ، ފިލްމްތަކާއި، ލަވަ އަދި ޑްރާމާ ތަކުގައިވެސް މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އަދި ބުރުގާ އެޅިނަމަވެސް، ޝިފާ ބުނީ ކުރިއަށް އޮތްތާގައި ފިލްމްތަކާއި ޓިކްޓޮކުންވެސް އޭނާ ފެންނާނެކަމަށެވެ.

ޔޫއްޕެގެ ފިލްމް "ދެވަންސޫރަ" އިން ފިލްމީ ދާއިރާއަށް ނުކުތް ޝިފާ، ވަނީ ބައިސްކޯފުން ގެނެސްދޭ ވެބް ސީރީޒް "ހުވާ ކޮށްފާ ބުނަން"ގައިވެސް މުހިއްމު ރޯލެއް އަދާކޮށްފައެވެ. އަދި ސްކްރީނަށް އަންނަން އޮތް ދެ ފިލްމެއްގެ މަސައްކަތްވެސް އަދިކުރިއަށް އެބަހުއްޓެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ