ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް

ހައިޓީގެ ރައީސްއަށް ހަމަލާދީ އަވަހާރަކޮށްލައިފި

ހައިޓީގެ ރައީސް ޖޮވެނެލް މޮއިސްއަށް ހަމަލާދީ އަވަހާރަކޮށްލައިފިއެވެ.

ބީބީސީ ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް ޖޮވެނެލް މޮއިސްއަށް ހަމަލާ ދީފައިވަނީ ރެ ދަންވަރުގެ ވަގުތެއްގައެވެ.

ހައިޓީގެ ބޮޑުވަޒީރު ކްލައުޑޭ ޖޯސެފް މިކަން ކަށަވަރުކޮށްދެއްވާ ވިދާޅުވީ، ހައިޓީގެ ރައީސް ޖޮވެނެލް މޮއިސްގެ ގަޔަށް ބަޑިޖަހާ މަރާލައިފައިވަނީ، ހަތިޔާރާއެކު ތިބި ބަޔަކުއެވެ. ނަމަވެސް އެއީ ކޮންބައެއްކަން އަދި ހޯދިފައިނުވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

އަމިއްލަ ގެކޮޅުގައި ހުއްޓާ އެ ގައުމުގެ ގަޑިން ރޭ ދަންވަރު 01:00 ހާއިރު ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް މަރާލައިފައިވާއިރު، ފަސްޓް ލޭޑީއަށްވެސް ހަމަލާދީ ޒަހަމްކޮށްލައިފައިވާ ކަމަށް ބީބީސީ ނިއުސްގައި ރިޕޯޓުކޮށްފައިވެއެވެ. އަދި ފަސްޓް ލޭޑީއަށް ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެމުން ގެންދާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލިއިރު އުމުރަކީ 53 އެވެ. މޮއިސް ހައިޓީގެ ވެރިކަމާއި ހަވާލުވީ، 2017 ވަނަ އަހަރު އޭރުގެ ރައީސް މައިކަލް މާރޓެލީ ރައީސްކަމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.

މިފަހަކަށް އައިސް، އޭނާގެ އިސްތިއުފާ އަށް ގޮވައި އާންމުން ކުރާ މުޒާހަރާތައް ވަނީ އިތުރުވެފައެވެ. އަދި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އޭނަގެ ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މީގެ އިތުރުން، ރައީސް މޮއިސްގެ، ފަސް އަހަރުގެ ރިއާސީ ދައުރު، މިއަހަރުގެ ފެބްރުއަރީ މަހު ނިމުމުންވެސް، ވެރިކަމުން ފައިބާވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވުމާއި ގުޅިގެން،  މޮއީސްގެ އިސްތިއުފާއަށް އިދިކޮޅުން ވަނީ ގޮވާފައެވެ.

މިވަގުތު ގައުމުގެ ވެރިކަމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވީ ބޮޑުވަޒީރު ޖޯސެފްއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ