ހައިޓީގެ ރައީސް އަވަހާރަކޮށްލިކަމަށް ތުހުމަތުކުރެވޭ ހަތަރުމީހަކު މަރާލައިފި

ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލިކަމަށް ތުހުމަތުކުރެވޭ ހަތަރުމީހަކު މަރާލައި ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް އެގައުމުގެ ފުލުހުންގެ ވެރިއާ މިއަދު ވިދާޅުވެއްޖެއެވެ.

ހައިޓީގެ ފުލުހުންގެ ވެރިއާ ލިއޯން ޗާލްސް މިއަދު ވިދާޅުވީ މޮއިސް އަވަހާރަކޮށްލިކަމަށް ތުހުމަތު ކުރެވޭ ގުރޫޕުގެ މީހުންނާއި ކުރިމަތިލައި ސަލާމަތީ ފަރާތްތަކުން ދިން ހަމަލާތަކުގައި އެމީހުންގެ ތެރެއިން ހަތަރު މީހުން މަރާލައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިމީހުންނަކީ ކުލީ ސިފައިންގެ ބަޔެއްކަމަށް ޗާލްސް ވިދާޅުވެފައި ވެއެވެ.

ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ޗާލްސް ވިދާޅުވީ، ކުލީސިފައިންކަމަށް ބެލެވޭ މިމީހުން ރައީސް މޮއިސް އަށް ހަމަލާދީ އަވަހާރަކޮށްލުމަށްފަހު ރައީސްގެ ގެކޮޅުން ފިލަން އުޅުމުން ސަލާމަތީ ބާރުތަކުން އެމީހުންނާއި ކުރިމަތިލައިފައިވާ ކަމަށެވެ. ސަލާމަތީ ބާރުތަކާއި ކުލީސިފައިންކަމަށް ބެލޭވެ މީހުންނާއި ދެމެދު ބަދަލުކުރެވުނު ހަމަލާތަކަށްފަހު ކުލީސިފައިންކަމަށް ބެލެވޭ މީހުންގެ ތެރެއިން ހަތަރު މީހުން މަރާލައި ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އުމުރުން 57 އަހަރުގެ މޮއިސްއަކީ ކުރީގެ ވިޔަފާރިވެރިއެކެވެ. ހެއިޓީގެ ރައީސްކަމަށް މޮއިސް އިންތިހާބުވެފައިވަނީ 2017 ވަނަ އަހަރުއެވެ. މޮއިސް ގޭގައި އުޅުއްވަނިކޮށް، ހަތިޔާރު އެޅި ގޮތް ނޭނގޭ ބަޔަކު ހަމަލާދީ އަވަހާރަކޮށްލީ ޖުލައި 7 ވަނަ ދުވަހުގެ ރޭ މެންދަމުއެވެ. ގޮތް ނޭނގޭ ބަޔަކު ދިން މި ހަމަލާގައި ރައީސްގެ އަނބިކަނބަލުންގެ ގަޔަށްވެސް ބަޑި ޖަހާ ޒަހަމްކޮށްލައިފައި ވެއެވެ. އަނބިކަނބަލުންނަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އިތުރު ފަރުވާއަށް އަނބިކަނބަލުންވަނީ އެމެރިކާއަށް ގެންގޮސްފައެވެ.

މޮއިސްއަށް ހަމަލާދީ އަވަހާރަކޮށްލައިފައިވަނީ، ވަރަށް މޮޅަށް ތަމްރީން ކޮށްފައި ތިބި ޕްރޮފެޝަނަލް ކޮމާންޑޯސް ބައެއް ކަމަށް އެ ގައުމަށް ކަނޑައަޅައިފައި ހުންނަ އެމެރިކާގެ އެމްބެސަޑަރ މިއަދުވަނީ ވިދާޅުވެފައެވެ. އަދި އެމީހުން މިހާރު ގައުމުން ބޭރުވެފައިވުން އެކަށީގެންވާ ކަމުގައިވެސް އެމްބެސެޑަރވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ