ކޮވިޑް-19ގެ ވެކްސިން އުތުރު ކޮރެއާއަށް ފޯރުކޮށްދިނުމަށް ތައްޔާރަށް ހުރިކަމަށް ރަޝިއާއިން ބުނެފިއެވެ. ރަޝިއާއިން އުތުރު ކޮރެއާއަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ދެވަނަ ފަހަރަކަށް ހުށައަޅައިފައި މިވަނީ ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އުތުރު ކޮރެއާގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން އެގައުމުގައި ބަނޑުހައިހޫނުކަން އިތުރުވަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ދަނޑިވަޅެއްގައެވެ.
މީގެކުރިންވެސް ރަޝިއާ އަދި ދެކުނު ކޮރެއާއިންވެސްވަނީ އުތުރު ކޮރެއާއަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އުތުރު ކޮރެއާއިންވަނީ އެ އެހީގެ ބޭނުން ނުކޮށްފައެވެ. މީގެބަދަލުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އުތުރު ކޮރެއާގެ ބޯޑަރުވަނީ ބަންދުކޮށްފައެވެ. މީގެސަބަބުން އެގައުމުން ޗައިނާއާއެކު ކުރަމުން އަންނަ ވިޔަފާރި ހުއްޓި ގައުމުގެ ހާލަތުވަނީ ދަށަށްދާން ފަށައިފައެވެ. އަސާސީ ގިނަ ތަކެތި އުތުރު ކޮރެއާއިން އެތެރެ ކުރަނީ ޗައިނާއިންނެވެ.
މިދިޔަމަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންވަނީ އެގައުމުގައި ބަނޑުހައިހޫނުކަން އިތުރުވަމުންދާކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފައެވެ. މީގެއިތުރުން ކިމް ޖޮނ ްއުންވަނީ ރައްޔިތުންގެ ކިބައިން ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ބަލައި ތައްޔާރުވެ ތިބުމަށް ގޮވާލައްވައިފައެވެ. ބޯޑަރު ބަންދުކުރުމުގެ އިތުރުން ބައިނަލްއަގްވާމީ ވިޔަފާރި ކުރުމަށް އުތުރުކޮރެއާ އާއި ދެކޮޅަށް އަޅައިފައިވާ ފިޔަވަޅު ތަކުގެ ސަބަބުންވެސް އެގައުމުގެ ކާބޯތަކެތީގެ ސަޕްލައިއަށްވަނީ އަސަރުކޮށްފައެވެ.
އ.ދ އިން އިއްޔެ ނެރުނު ރިޕޯޓެއް ބުނާގޮތުން މިއަހަރު އުތުރު ކޮރެއާއަށް 860،000 ޓަނުގެ ކާނާގެ ދަތިކަންވަނީ ކުރިމަތިވެފައެވެ. ކުރިއަށް އޮތް މަސްތަކުގައި ހާލަތު އިތުރަށް ގޯސްވެދާނެކަމަށްވެސް މި ރިޕޯޓުގައި އަންދާޒާ ކޮށްފައި ވެއެވެ. މިހެންނަމަވެސް 1990 ވަނަ އަހަރު އުތުރު ކޮރެއާއަށް ކުރިމަތިވި ތަދަށްވުރެ މިފަހަރުގެ ހާލަތު މާބޮޑުތަނުންވެސް ރަނގަޅުވާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ބަޔެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކިމް ޖުން އުންވަނީ އެގައުމުގެ ސިފައިން މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ކާނާގެ ބާވަތްތައް ވަކި އިންތިޒާމެއްގެ މަތިން ބަހަން ފަށައިފައެވެ. މީގެއިތުރުން މި ބަނޑުހައިކަމުގެ ހާލަތާއި ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުގެ ބަޔެއް މަގާމުތަކަށްވެސްވަނީ ބަދަލު ގެއްނަން ފަށައިފައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ކަންމިހެން ހުރިނަމަވެސް އުތުރު ކޮރެއާއިން ބުނަމުން އައްނަނީ އެގައުމުން އަދި މިހާތަނަށް ކޮވިޑް-19ގެ އެންމެ ކޭސްއެއްވެސް ނުފެއްނަ ކަމަށެވެ.



