މާވެލް ސިނަމެޓިކް ޔުނިވާސްގެ ތެރެއިން ގެނެސްދޭ މާވެލް "ފޭސް 4" ގެ ކުރިއަށް އޮތް ފިލްމްތަކުގެ ޓައިޓަލް ނަމާއެކު ފިލްމް ރިލީޒްކުރާނެ ތާރީޙްވެސް މާވެލް ސްޓޫޑިއޯއިން މިހާރު އިއުލާންކުރިތާ ކިތަންމެ ދުވަހެކެވެ.
ކޮވިޑް ޕެންޑެމިކް އާއި ގުޅިގެން މިދިޔަ އަހަރު ގެނެސްދެން ރާވަފައިވާ މާވެލްގެ ކުރިއަށް އޮތް ފިލްމް އަދި ސީރީޒްތައް ލަސްވި ނަމަވެސް، މިހާރު ގިނަ ގައުމުތަކުގައި ކޮވިޑަށް އަޅަފައިވާ ފިޔަވަޅުތަކަށް ލުއިދީ ސިނަމާތަކާއި ތިއޭޓާތައް އަންނަނީ ހުޅުވަމުންނެވެ. އެގޮތުން ކޮވިޑް ޕެންޑެމިކް އަށްފަހު މާވެލް ސްޓޫޑިއޯއިން މިހާރު ރިލީޒްކޮށްފައިވާ އެންމެ ބޮޑު ފިލްމަކީ، މިއަދު ތިއޭޓާތަކުގައި ރިލީޒްކުރާ ސްކާލެޓް ޖޮހޭންސަންސްގެ "ބްލެކް ވިޑޯ"އެވެ.
މާވެލް "ފޭސް 4" ގެ ތެރެއިން ރިލީޒްކުރި އެންމެ ފުރަތަމަ ފީޗާ ފިލްމް މި މަހުގެ 9 ގައި އެމެރިކާ އާއި އެހެން ގައުމުތަކުގެ ތިއޭޓާ ތަކުގައި ވަނީ ރިލީޒްކޮށްފައެވެ. އަދި މި ފިލްމަށްފަހު، ކުރިއަށްވެސް ސިނަމާތަކަށް އަންނަ ރޭވިފައިވާ މާވެލްގެ ގިނަ ފިލްމްތައް އެބަހުއްޓެވެ.
މާވެލް "ފޭސް 4" ގެ ތެރެއިން މިހާރު ވަނީ ދެ ވެބް ސީރީޒެއް ޑިޒްނީ ޕްލަސް މެދުވެރިކޮށް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. އެއީ "ވަންޑަ ވިޝަން" އާއި "ފެލްކަން އެންޑް ދަ ވިންޓަ ސޯލްޖާ" އެވެ. އަދި މިވަގުތު ދައްކަމުން އަންނަނީ "ލޯކީ" ސީރީޒެވެ.
މާވެލް އިން މިއަހަރު ކުރިއަށް ގެނެސްދެން ތާވަލްކޮށްފައިވާ ފިލްމްތައް:
ޝަން-ޗީ އެންޑް ދަ ލެޖެންޑް އޮފް ތަ ޓެން ރިންްގްސް: 3 ސެޕްޓެމްބަރ 2021
އިޓާނަލްސް: 5 ނޮވެމްބަރ 2021
ސްޕައިޑަ މޭން: ނޯ ވޭ ހޯމް: 17 ޑިސެމްބަރ 2021
މި ފިލްމްތަކުގެ އިތުރުން، އަންނަ އަހަރާއި 2023 ގައި ގެނެސްދޭން ރާވާ، ރިލީޒްކުރާ ތާރީހް އިއުލާންކޮށްފައިވާ މާވެލް "ފޭސް 4" ގެ ގިނަ ފިލްމްތަކަކާއި ސީރީޒްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ:
ޑޮކްޓަރ ސްޓްރޭންޖް: 25 މާޗް 2022
ތޯ: ލަވް އެންޑް ތަންޑާ: 6 މެއި 2022
ބްލެކް ޕެންތާ: 8 ޖުލައި 2022
ދަ މާވެލްސް: 11 ނޮވެމްބަރ 2022
އެންޓް މޭން އެންޑް ދަ ވޮސްޕް: 17 ފެބްރުއަރީ 2023
ގާޑިއަންސް އޮފް ދި ގެެލެކްސީ: 5 މެއި 2023
މާވެލް ސިނަމެޓިކް ޔުނިވާސްގެ ތެރެއިން ގެނެސްދޭ ފްރެންޗައިޒް ފިލްމްތަކަކީ، ހޮލީވުޑްގައި އެންމެ މަޝްހޫރު އަދި ކާމިޔާބު ފިލްމްތަކެކެވެ. މި ފިލްމްތަކުގެ ބޮޑު ފޭން ބޭސްއެއް އޮންނައިރު، މި ފިލްމްތަކުގެ ވާހަކަ ގެނެސްދެމުން އަންނަނީ ވަރަށް ޝައުގުވެރި ޓްވިސްޓްތަކާއި، ސަޕްރައިޒް ތަކާއެކުއެވެ.



