ބަނގުލަދޭޝްގެ ފެކްޓަރީއެއްގައި ރޯވެ 52 މީހުން މަރުވި ހާދިސާއަށްފަހު، އެ މައްސަލައިގައި ފެކްޓަރީގެ އޯނަރު ހައްޔަރުކޮށްފިއެވެ.
ކާބޯތަކެތި އުފައްދާ "ޙާޝެމް ފުޑްސް" ނަމަކަށް ކިޔާ މި ފެކްޓްރީގައި ރޯވި މީހުން މަރުވި މައްސަލައިގައި، ފުލުހުން 8 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު، އޭގެތެރޭގައި ފެކްޓްރީގެ އޯނަރު އަބްދުލް ހާޝެމް އާއި އޭނަގެ 4 ފިރިހެން ދަރިން ހިމެނޭ ކަމަށް ބީބީސީ ނިއުސްގައި ރިޕޯޓުކޮށްފައިވެއެވެ. އަބްދުލް ހާޝެމް އަކީ މި ފެކްތަރީގެ ޗެއާމަންގެ އިތުރުން މެނޭޖިން ޑިރެކްޓަރެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި، ފެކްޓަރީގެ ޗީފް އެގްޒެކިއުޓިވް އޮފިސަރުންގެ ގްރޫޕަކާއި، އިތުރު ސީނިއަރ އޮފިޝަލުންވެސް ހިމެނެއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާއާއި މާދުރުނޫން ސިނާއީ ޓައުނެއް ކަމަށްވާ ރަޕްގަންޖް ހުންނަ މި ފެކްޓަރީގައި އިލިފާން ރޯވި ވަގުތު 100 އެއްހާ މުވައްޒަފުން ތިބޭނެކަމަށް ބެލެވޭއިރު، ކަމާބެހޭ ފަރާތްތަކުން ބުނީ މަރުވި މީހުން ސަލާމަތް ނުވީ ފެކްޓްރީ ހުންނަ އިމާރާތުގެ މައި ދޮރު ބަންދުކޮށްފައި ހުރުމުން އެތެރޭގައި ތާށީވެގެން ކަމަށެވެ.
މި ހާދިސާގައި އަނިޔާވެ މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭއިރު، ބަންގްލަދޭޝްގެ ލޭބަރ މިނިސްޓަރ ބުނީ، މި ހާދިސާގައި އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ 14 އަހަރާއި ގަތްކުރާ ކުޑަކުދިންނާއި މިނިސްޓަރަށް މުހާތަބު ކުރެވުނު ކަމަށެވެ. އަދި މި ކުޑަކުދިން ލައްވާ މަޖުބޫރުން މަސައްކަތް ކުރުވިކަން ސާބިތުވެއްޖެ ނަމަ، ފެކްޓަރީގެ އޯނަރާއި ދެކޮޅަށް މައްސަލަ ހުށައަޅާނެ ކަމަށް މިނިސްޓަރ ބުންޏެވެ.
އޯނަރު ހާޝެމް ހައްޔަރުކުރުމުގެ ކުރިން އޭނާ ބުނީ، ހާދިސާ ހިނގީ މުވައްޒަފުންގެ ފަރުވާ ކުޑަކަމުން ކަމަށާއި، އެގޮތުން ރޯކޮށްފައި އެއްލާލާ ސިނގިރޭޓް ބުރިއެއްގެ ސަބަބުންވެެސް އަލިފާން ރޯވެ ދާނެ ކަމަށެވެ.
ހަބުރީގެ މި ފެކްޓަރީއަކީ މޭވާގެ ޖޫހާ، ނޫޑުލީހާއި، އަދި އެކިފާޑުގެ ފޮނިކާތަކެތި އުފައްދާ ފެކްޓަރީއެކެވެ. އެމަޖެންސީ ކްރޫ އިން މައުލޫމާތު ދިންގޮތުގައި، ގިނަ މުވައްޒަފުން ތާށިވެފައި ތިބީ ތިންވަނަ ފަންގިފިލާގައެވެ. މި ހާދިސާގައި 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.
ކަމާބެހޭ ފަރާތްތަކުން މީޑިއާއަށް މައުލޫމާތުދެމުން ބުނެފައިވަނީ ފެކްޓަރީގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ކެމިކަލްސް އާއި ޕްލާސްޓިކް ޖަމާކޮށްފައިވާ ސަރަހައްދުގައެވެ.