1997 ގައި މަރުވި ޕްރިންސަސް ޑަޔާނާ، ކުޑައިރު ދުއްވި ބައިސްކަލު ވިއްކާލުމަށް ނީލަމަށް ލައިފިއެވެ.
1997 ވަނަ އަހަރު އޯގަސްޓް 31 ގައި ޕްރިންސަސް ޑަޔާނާ މަރުވެފައިވަނީ ކާރު އެކްސިޑެންޓެއްގައެވެ. ޕްރިންސަސް ޑަޔާނާ ދުއްވި މި ބައިސްކަލަކީ ނަވާރަ ސަތޭކަ ހަތްދިހައިގައި އެކަމަނާ ދުއްވި "ޓްރެކާ" ބްރޭންޑްގެ ރަތް ކުލައިގެ ބައިސްކަލެކެވެ.
މިހާރުވެސް ރަނގަޅު ހާލަތުގައި ހުރިކަމަށް ބެލެވޭ ޑަޔާނާގެ ކުޑައިރުގެ މި ބައިސްކަލު އަންނަ ހަފްތާގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ އީސްޓް ބްރިސްޓޮލް އޮކްޝަނުގައެވެ. މި ބައިސްކަލު ވިއްކާލުމަށް ހަމަޖެހިފައިވަނީ، ވިހި ހާހާއި ތިރީސް ހާސް ޕައުންޑްގެ ދެމެދުގެ އަގަކަށެވެ.
ޓްރަސްޓް މެނުފަކްޗަރިން ކޯ އިން އުފައްދާފައިވާ މި ބައިސްކަލު ވަނީ، ޑަޔާނާ ކުޑައިރު ދިރިއުޅުއްވި އެކަމަނާގެ މައިބަފައިންގެ ގެ ބަލަހައްޓަން 30 އަހަރު ވަންދެން އުޅުނު ހައުސްކީޕާރ، މައުޑީ ޕެންޑްރީ އަށް ނީލަމުގައި ވިއްކާލައިފައެވެ. މައުޑީ އަށް ބައިސްކަލު ވިއްކާލައިފައިވަނީ ޑަޔާނާގެ މައިންބަފައިންނެވެ. އަދި މައުޑީ މި ބައިސްކަލު ގަނެފައިވަނީ ޑަޔާނާގެ ހަނދާނެއްގެ ގޮތުގައި ބެހެއްޓުމަށެވެ.
2006 ވަނަ އަހަރު ޕެންޑްރީ މަރުވުމުން، 2007 ވަނަ އަހަރު އޭނަގެ ދަރިއަކު ވަނީ މި ބައިސްކަލު ކުޅޭއެއްޗެހި ބަހައްޓާ މުއިޒިއަމް އަކަށް ނީލަމުގައި ވިއްކާލައިފައެވެ.
އެ މިއުޒިއަމް އިން މި ބައިސްކަލު އަލުން ނީލަމުގައި ވިއްކާލަން ނިންމާފައިވާއިރު، މިއުޒިއަމް އިން ބުނީ، މިއީ ޕްރިންސަސް ޑަޔާނާގެ ވަރަށް މުހިއްމު ހަނދާނެއް ކަމަށެވެ.




