ކޮވިޑް-19 ގެ އައު އާންމު ޙާލަތުގައި ޖަލުތަކުގައި ބަންދުކޮށްފައިވާ ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރަން ޖަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން އަމަލު ކުރާނެގޮތުގެ އުސޫލު އާންމުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ މިއުސޫލްގެ މަޤުސަދަކީ ކޮވިޑް-19 ގެ އައު އާންމު ޙާލަތުގައި މިބަލިމަޑުކަމުން ރައްކާތެރިވެ ތބެ، ޖަލުތަކުގައިި ބަންދުކޮށްފައިވާ ޤައިދީންނާއި ބަންދުމީހުންނަށް އެމީހުންގެ ޢާއިލާތަކުން، ޖަލަށް ޒިޔާރަތްކޮށް ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އަދި ޤާނޫނީ ވަކީލުންގެ އެހީތެރިން ބޭނުންވާ ޤައިދީންނާއި ބަންދުމީހުންނަށް ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރަތްކޮށް ބައްދަލުކުރެވޭ އިންތިޒާމު ހަމަޖައްސައި ދިނުންކަމަށެވެ.
އެގޮތުން މިއުސޫލުގައި ވާގޮތުން ޖަލުތަކުގައިި ބަންދުކޮށްފައިވާ ޤައިދީންނާއި ބަންދުމީހުންނާއި ބައްދަލުވުމަށް އެދި ހުށަހަޅާ ފޯމާއެކު އިތުރުން ލިޔުންތަކެއްވެސް ހުށަހަށަންޖެހެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ، ޢާއިލީ ބައްދަލުވުމާއި، ވަކީލު ބައްދަލުވުމަށް އެދި ހުށަހަޅާ ފޯމުގެ އިތުރުން ހުށަހަޅަން ޖެހޭ ލިޔުންތަކަކީ؛
- ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖެހުމަށް ކަނޑައަޅާފައިވާ ވެކްސިންގެ 02 ޑޯޒް ފުރިހަމަ ކުރިކަން އަންގައިދޭ ލިޔުމުގެ ނަކަލު. މި ލިޔުން ހުށަހަޅާ އިރު، ވެކްސިން 02 ޑޯޒް ފުރިހަމަކޮށް 14 (ސާދަ) ދުވަސް ފުރިހަމަވެފަވުން؛
- ކޮވިޑް-19 ވެކްސިންގެ 02 ޑޯޒް ޖެހިފަހުން 14 (ސާދަ) ދުވަސް ހަމަކޮށް 72 (ހަތްދިހަ ދޭއް) ގަޑިއިރު ނުވާ ޕީ.ސީ.އާރު ޓެސްޓްގެ ނަތީޖާގެ ނަކަލު؛
- ކޮވިޑް-19އަށް ފައްސިވެ އެ ބަލިން ރަނގަޅުވެފައިވާ ފަރާތެއްނަމަ، ބަލިން ރަނގަޅުވިފަހުން 60 (ފަސް ދޮޅަސް) ދުވަސް ހަމަވެފައިނުވާކަން އަންގައިދޭ ލިޔުމުގެ ނަކަލު؛
- 18 އަހަރުން ދަށުގެ ކުޑަކުދިންގެ 72 (ހަތްދިހަ ދޭއް) ގަޑިއިރު ނުވާ ޕީ.ސީ.އާރު ޓެސްޓްގެ ނަތީޖާގެ ނަކަލު؛
- ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ރަށްރަށަށް އެރުމަށް ދީފައިވާ ހުއްދަގެ ނަކަލެއް.
އަދި ޤައިދީންނާއި ބަންދުމީހުންނާއި ބައްދަލުކުރުމައްޓަކައި ޖަލަށް ޒިޔާރަތްކުރުމަށް ހުއްދަދެވޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިޔުންތަކަކީ؛
- ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖެހުމަށް ކަނޑައަޅާފައިވާ ވެކްސިންގެ 02 ޑޯޒް ފުރިހަމަ ކުރިކަން އަންގައިދޭ ލިޔުމުގެ އަސްލު؛
- ކޮވިޑް-19 ވެކްސިންގެ 02 ޑޯޒް ޖެހިފަހުން 14 (ސާދަ) ދުވަސް ހަމަކޮށް 72 (ހަތްދިހަ ދޭއް) ގަޑިއިރު ނުވާ ޕީ.ސީ.އާރު ޓެސްޓްގެ ނަތީޖާގެ އަސްލު؛
- ކޮވިޑް-19 ވެކްސިންގެ 02 ޑޯޒް ޖެހިފަހުން 14 (ސާދަ) ދުވަސް ހަމަކޮށް 72 (ހަތްދިހަ ދޭއް) ގަޑިއިރު ނުވާ ޕީ.ސީ.އާރު ޓެސްޓްގެ ނަތީޖާގެ އަސްލު.
- ކޮވިޑް-19 އަށް ފައްސިވެ އެ ބަލިން ރަނގަޅުވެފައިވާ ފަރާތެއް ނަމަ، ޖެހުނު ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ނުވާކަން އަންގައިދޭ ލިޔުމުގެ އަސްލު.
ޤައިދީންނާއި ބަންދުމީހުންގެ ޢާއިލީ ބައްދަލުވުމާއި ޤާނޫނީ ވަކީލު ބައްދަލުވުން ހިނގާ ވަގުތު ތަކުގައި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިން ލައިންތަކާ އެއްގޮތަށް މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައިވާއިރު، ޖަލަށް ފެންފުޅިއެއް ފިޔަވައި އެއްވެސް ބާވަތެއްގެ ކާއެއްޗެހި ނުވެއްދޭނެކަމަށްވެސް ކަރެކްޝަނުން ބުނެއެވެ. އަދި ބައްދަލުވުން ފެށުނީއްސުރެ ނިމެންދެން މާސްކު ނުނެގުން ނުވަތަ މާސްކު ނަގާ ނަމަ 3 (ތިނެއް) ފޫޓުގެ ދުރުމިން ބެހެއްޓުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ޖަލުގައި ކުރިއަށްދާ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުން މިއުޞޫލާ ޚިލާފު ވެއްޖެ ނަމަ، އެޢަމަލެއްގެ މިންވަރަށް ބަލައި، ފިޔަވަޅު އެޅޭނެކަމަށްވެސް ކަރެކްޝަނުން ބުނެއެވެ. އެގޮތުން އަޅާނެކަމަށް ކަރެކްޝަނުން ބުނެފައިވާ ފިޔަވަޅުތަކަކީ؛ ވަގުތުން ބައްދަލުވުން މެދުކަނޑާލުން އަދި 02 (ދޭއް) މަސް ދުވަހުގެ ނިޔަލަށް ޖަލަށް ޒިޔާރަތްކުރުން މެދުކަނޑާލުމުގެ އިތުރުން ބައްދަލުވުން ފެށުމުގެ ކުރިން ނަމަ، ބައްދަލުވުން ކެންސަލް ކުރުމެވެ.