ޓިއުނޭޝިއާގައި ހިނގަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު މަގާމުން ދުރުކޮށް ގާނޫނުހަދާ މަޖިލިސް އެގައުމުގެ ރައީސް ސަސްޕެންޑް ކޮށްފިއެވެ.
ޓިއުނޭޝިއާގެ ރައީސް ގައިސް ސައީދު މިދިޔަ އާދިއްތަ ދުވަހުވަނީ ބޮޑުވަޒީރު މަގާމުން ދުރުކޮށް ގައުމު ހިނގުމުގެ ޒިންމާ ނަގައިފައިވާކަން ހާމަކޮށްފައެވެ. ސައީދު ޓިއުނޭޝިއާގެ ރައީސްކަމަށް އިންތިހާބުވެފައިވަނީ 2019 ވަނަ އަހަރެވެ.
ރައީސްގެ މި ނިންމުމާއެކު އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުންވަނީ މަގުތަށްމައްޗަށް ނިކުމެ އުފާފާޅުކޮށްފައެވެ. ނަމަވެސް ގާނޫނުހަދާ މަޖިލީހުގެ އިދިކޮޅު މެންބަރުން ބުނާގޮތުގައި ރައީސް ގައުމަށް ގެއްނަވައިފައިވަނީ ބަގާވާތެކެވެ. އެގައުމުގައި މިއަދުވަނީ އިދިކޮޅުފަރާތްތަކުން ނިކުމެ މި ނިންމުމާއި ދެކޮޅަށްވެސް އިހުތިޖާޖު ކޮށްފައެވެ.
ޓިއުނޭޝިއާގައި މިފަހުން އިހުތިޖާޖުތައް ފެށިފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އެގައުމުގެ ސަރުކާރުން ނުކުޅެދިފައިވާ މައްސަލައިގައާއި އަދި އިގުތިސާދީ ހީނަރުކަމާއި ގުޅިގެންނެވެ. އިހުތިޖާޖުތަކާއި ގުޅިގެން މިދިޔަ ހަފްތާތެރޭގައި ސިއްހީ ވަޒީރުވެސްވަނީ މަގާމުން ދުރުކޮށްފައެވެ.
ރައީސް ގައިސް ސައީދާއި ބޮޑުވަޒީރު ހިޝާމް މަޝީޝީއަކީ ގުޅުން އެހާ ރަނގަޅު ދެބޭފުޅުންނެއް ނޫނެވެ. ގައިސް ސައީދަކީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ރައީސްކަމަށް އިންތިހާބުވި ބޭފުޅެކެވެ. ހިޝާމް މަޝީޝީއަކީ ގާނޫނުހަދާ މަޖިލީހުގެ އެންމެ މެންބަރުން ގިނަ ޕާޓީގެ ތާއީދާއެކު ބޮޑުވަޒީރުކަމަށް އައްޔަށް ކޮށްފައިވާ ބޭފުޅެކެވެ.
ބޮޑުވަޒީރު މަގާމުން ދުރުކޮށް ގާނޫނުހަދާ މަޖިލިސް ސަސްޕެންޑް ކުރުމަށްފަހު ރައީސް ސައީދު ވިދާޅުވެފައިވަނީ، އެ ފިޔަވަޅުތައް އެޅީ ޓިއުނޭޝިއާގައި "އިޖުތިމާއީ ސުލްހަ" ގާއިމުކުރެވެންދެނެވެ. އަދި އޭނާ އާ ބޮޑުވަޒީރަކާ އެކު ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެއެވެ.



