ގާނޫނު އަސާސީން ސުޕްރީމް ކޯޓު ތިބެންޖެހޭ ސައިޒު ކަމަށް ބަޔާންކުރާ "ސައިޒަށް" ސުޕްރީމް ކޯޓު ތިރިވާންޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ވިދާޅުވެއްޖެއެވެ.
މީކާއިލް މިހެން ވިދާޅުވެފައި މިވަނީ ޝަރުޢީ ނިޒާމްގެ މައްސަލަތައް ހޫނުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކުރުމަށް އެ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ވެސް އަދި ދައުލަތުގެ މުއައްސަސާއަކުން ވެސް ނިންމާ އެންމެހާ ނިންމުމެއް ބާތިލް ވާނެކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނިކޮށެވެ.
މީކާއީލް މިހެން ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ހާޒިރުވެ ހިއްސާކުރައްވާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެ ކޮމިޓީން މަޖިލީހަށް މިއަދު ހުށަހެޅުއްވި ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
މީކާއިލް ވިދާޅުވީ ޖޭއެސްސީ އަކީ ފަނޑިޔާރުގެ އަށް ފާރަވެރިވާން އުފައްދާފައި އޮތް މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށާއި ނަމަވެސް އެ މުއައްސަސާ އިން ފާރަވެރިވާން އޮންނަ ފަރާތުން، އެ މުއައްސަސާއާ މެދު ފިޔަވަޅު އެޅުމުން އެ މުއައްސަސާގެ މިނިވަންކަން ގެއްލިގެންދާ ކަމަށެވެ.
"ޖޭއެސްސީ އަށް ގޮންޖަހައި، މި ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށް ގޮންޖަހައި، ސުޕްރީމް ކޯޓުން އެ ނެރޭ ހުކުމްތަކުން އެ ބުނަނީ ތިމަންނާމެން ގާނޫނު އަސާސީ އަށްވުރެ މައްޗޭ. ރައްޔިތުންނަށް ވުރެ ތިމަންނާމެން މައްޗޭ. ތިރިކުރަން އެބަޖެހޭ. ގާނޫނު އަސާސީން އެމީހުން (ސުޕްރީމް ކޯޓު) ތިބެންޖެހޭ ސައިޒު ކަމަށް އެ ބަޔާންކުރާ ސައިޒަށް ސުޕްރީމް ކޯޓު ތިރިވާން އެބަޖެހޭ" މީކާއިލް ވިދާޅުވިއެވެ.
މީކާއީލް އިތުރަށް ވިދާޅުވީ، ޖޭއެސްސީ ޖަވާބުދާރީ ކުރެވޭނެ ވަކި ފަރާތެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެގޮތުން އެކަން ކުރުމަށް ހަވާލުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހާއި ކަމަށެވެ.
މީގެއިތުރުން އިންސާފުގެ މަގަށް ފެށި ދަތުރު އެއްވެސް ބިރެއް ނެތި މަޖިލީހުން ކުރަމުންދާތީ އެކަމާ އުފާކުރާ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.




