އިންޓަނެޓް އާއި މީސްމީޑީއާގެ ޒަރީއާއިން ޒުވާނުން ޓެރަރިސްޓް ޖަމާޢަތްތަކާއި ޓެރަރިސްޓް ޢަމަލުތަކަށް ރެކްރޫޓް ކުރުން ހުއްޓުވުމުގެ ގޮތުން ނޭޝަނަލް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ހިންގާ ވޯކްޝޮޕެއް ފަށައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ހިންގޭ މި ވޯކްޝޮޕް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރުއެވެ.
ވޯކްޝޮޕް އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޓެރަރިޒަމްގެ ޢަމަލުތަކުން ޒުވާނުން ސަލާމަތް ކުރުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި ތަޙްޤީޤުކުރާ އިދާރާތަކުގެ މުހިންމުކަމުގެ މައްޗަށް ޢަލްއުސްތާޛު ޢަލީ ޒާހިރު ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރާއްޖޭގެ ފަސް އިދާރާއެއްގެ އިތުރުން ބަންގްލަދޭޝް އަދި ސްރީލަންކާގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބޭފުޅުންނާއެކު މި ވޯކްޝޮޕްގައި 34 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.



