ރައީސް ސޮލިހް އަދި މަޖިލީހުގެ ރައީސް ނަޝީދު / ފޮޓޯ: އަވަސް

އެދެނީ ނަޝީދު އަވަހަށް ރާއްޖެ އައުން، ހުރިހާ ރައްކާތެރިކަމެއް ދޭނަން: ރައީސް

ފަރުވާއިން ސަލާމަތްވެގެން ވީހާވެސް އަވަހަކަށް ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6، 2021 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެން އަނިޔާއަށް ފަރުވާ ހޯދުމަށް އެމަނިކުފާނު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

އެ ހަމަލާއަށްފަހު ނަޝީދު އާއި ރައީސް ސޯލިހްގެ ދެމެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ މި ދަނޑިވަޅުގައި، އެ ރޭ ނަޝީދުއަށް ދޭން ޖެހޭ ރައްކާތެރިކަން ސަރުކާރުން ފޯރުނުކޮށްދޭ ކަމަށާއި އަދި މިވަގުތު ނަޝީދުު ރާއްޖެއައުން ރައްކާތެރި ނޫންކަމަށް ބުނެ ނަޝީދުއާއި އެއްކޮޅުގައި ހުންނެވި އެމްޑީޕީ ބައެއް މެންބަރުންނާއި އެމްޑީޕީގެ ޗެއާޕާސަން އަންނަނީ ވާހަކަދައްކަވަމުންނެވެ. އަދި ނަޝީދު ވަނީ ކުރިއަށް އޮތްތާގައި ސިޔާސީގޮތުން ރައީސް ސޯލިހް އާއެކު މަސައްކަތް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅިގެން ނޫސްވެެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން ރައީސް ސޯލިހް ވިދާޅުވީ، ނަޝީދުއަށް ލިބިވަޑައިގެން އަނިޔާއަށް ފަރުވާ ހޯދުން ފުރިހަމަކުރުމަށްފަހު، ނަޝީދު ރާއްޖެ އައިސް މިނިވަން ކަންމަތީ ދިރިއުޅުމަކީ އެމަނިކުފާނު ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދަށް ސަރުކާރުންނާއި ގައުމި ދިފާއީ ބާރުން ފުރިހަމަ ރައްކާތެރިކަން ދެއްވާނެ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ރައީސް ނަޝީދު އަނބުރައި ވަޑައިގަތުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް، އެކަމަކަށް އަޅުގަނޑު ހުރަހެއް ނާޅާނަން"، ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ބޭނުންފުޅުވަނީ ރައީސް ނަޝީދު އަވަހަށް ރާއްޖެ ވަޑައިގެން ގައުމީ ހިދުމަތުގައި މަސައްކަތް ކުރުން ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުޤީގު ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާ ކަމަށް ރައީސް ވަނީ ހާމަކުރައްވައިފައެވެ. އަދި މިހާރު ކުރިއަށްދަނީ މި ހަމަލާއަށް ފައިސާ ހަރަދުކުރި ނުވަތަ ފަންޑް ކުރި ގޮތާއި މީހުން ހޯދުމުގެ ތަހުޤީގުކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމާއި ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ