އަދުލުއިންސާފާއި، ހަމަހަމަކަމަކީ ކުޅޭ ކުޅިވަރެއް ނޫންކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޢަދުލްއިންސާފާއި، ހަމަހަމަކަމާ، ދީނާއި ޤައުމަކީ ކުޅޭ ކުޅިވަރެއް ނޫންކަމަށެވެ.
"ޢަދުލްއިންސާފާއި، ހަމަހަމަކައި، ދީނާއި ޤައުމަކީ ކުޅޭ ކުޅިވަރެއް ނޫން! މިއަދު ފެންނަމުންދާ ބައެއް ކަންކަމުން، ބައެއް މުއައްސަސާތަކަށް އޮންނަ އިތުބާރާއި ޤަދަރު ދަނީ ވެއްޔާ މޮޑެވެމުން." ޝައިޚް ޒައިދު ވިދާޅުވިއެވެ.
ޒައިދު އިތުރަށް ވިދާޅުވީ، މިފަދަ ކަންކަމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، އަމިއްލަ މަސްލަހަތު އެއްވެސް ބަޔަކު އިސްނުކުރުމަކީ އެންމެ ހެޔޮގޮތް ކަމަށެވެ.
ޒައިދު މިހެން ވިދާޅުވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާތީވެ އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް ފަނޑިޔާރު ޢަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން އޭނާއާ މެދުގައި އަޅާފައިވާ ފިޔަވަޅަށް އަމަލުކުރަން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް، އެ އަމުރަށް އަމަލު ނުކުރަން ޖޭއެސްސީ އިން ނިންމަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އަމުރު ޤާނޫނު އަސާސީއާ ޚިލާފު ކަމަށެވެ. މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި އަމުރުގައި ވިދާޅުވެފައިވަނީ ފަނޑިޔާރަކު ނިންމާ ނިންމުމަކާ ގުޅިގެން އަޅާ ހުރިހާ ފިޔަވަޅެއް ޣައިރުޤާނޫނީ ވާނެ ކަމަށެވެ.




