"މާސްޓަރ ޝެފް" - ރާއްޖޭގެ ކުޅަދާނަ ކެއްކުންތެރިންނަށް ލިބޭ ރަނުގެ ފުރުސަތެއް

މިފަހަރު ޕީއެސްއެމް އިން ދިވެހިންގެ ހުނަރުވެރިކަން އިންޓަރނޭޝަނަލް ޕްލެޓް ފޯމެއްގައި ދައްކާލުމަށް ފުރުސަތު މި ހުޅުވާލަނީ ރާއްޖޭގައި އުޅޭ ކުޅަދާނަ ކެއްކުންތެރިންނަށެވެ.

މޯލްޑިވިއަން އައިޑަލްގެ ކާމިޔާބު 3 ސީޒަންއެއް ގެނެސްސީދީފައިވާ ޕީއެސްއެމް އިން މިފަހަރު ގެނެސްދޭނީ، ދުނިޔޭގެ އެންމެ މަޤްބޫލު އެއް ފްރެންޗައިޒް ރިއަލިޓީ ޓީވީ ޝޯވ، މާސްޓަރ ޝެފްއެވެ. މާސްޓަރ ޝެފަކީ ދުނިޔޭގައި ބާއްވާ އެންމެ ކާމިޔާބު ކެއްކުމުގެ މުބާރާތެވެ.

ދުނިޔޭގެ އެންމެ މޮޅު ޝެފް "ގޯޑޮން ރަމްސޭ" އާއި އަދި އިތުރު 2 ޝެފުން ޖަޖުންގެ ގޮތުގައި ހިމަނައިގެން އެމެރިކާގައި 2010 ވަނަ އަހަރު "މާސްޓަރ ޝެފް" ފުރަތަމަ ސީޒަން ފަށާފައިވާއިރު، މިހާތަނަށް މާސްޓަރ ޝެފްގެ 9 ސީޒަނެއް ވަނީ ބާއްވާފައެވެ.

މި މުބާރާތުގެ ތެރެއިން ކެއްކުންތެރިންނަށް ކެއްކުމުގެ ތަފާތު ޗެލެންޖިން މަސައްކަތް ތަކެއް ހަވާލު ކުރެވޭއިރު، ބައިވެރިންގެ މެދުގައި އޮންނަ ވާދަވެރިކަން ވަރަށް ބޮޑުވާނެއެވެ. އަދި އެކި ރައުންޑުތަކަށް ބަހާލައިގެން މި ރިއަލިޓީ ޝޯ ކުރިއަށްދާއިރު، މުބާރާތް ކުރިއަށްދާވަރަށް ބައިވެރިންތައްވެސް މުބާރާތުން ދާނީ ވަކިވަމުންނެވެ.

މާސްޓަރ ޝެފްގެ ޕްރެންޗައިޒް ފޯމެޓް ގަނެ، މި ޝޯވ ދިވެހިންނާއި ހިސާބަށް ގެނައުމުގެ މަސައްކަތް ޕީއެސްއެމް އިން ފަށާފައިވާއިރު، މި ޝޯ ވެގެންދާނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ކެއްކުންތެރިންނަށް އެމީހުންގެ ކެއްކުމުގެ ޤާބިލުކަން ދައްކާލުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށެވެ.

މާސްޓަރ ޝެފް ފަދަ ކެއްކުމުގެ ބޮޑު ފްރެންޗައިޒް މުބާރާތެއް ރާއްޖޭގައި ބޭއްވޭއިރު، މިކަހަލަ ކެއްކުމުގެ ބޮޑު ފްރެންޗައިޒް މުބާރާތެއް ދިވެހިންނަށް ތަޖުރިބާކޮށްލަން ލިބުމަކީވެސް ފަޙުރުވެރިވާންޖެހޭނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް