އާގުބޯޓު ފަރަށްއެރުމުގައި ކެޕްޓަންގެ އިހުމާލު އެބައޮތް!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގު ބޯޓު، އެމް.ވީ. ނަވިއޯސް އަމާރީލިސް ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އެބައޮތް ކަމަށް ށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ހާދިސާ އާއި ގުޅޭ މައުލޫމާތު ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ގަނީ ވިދާޅުވީ، ބޯޓު ފަރަށް އަރާފައިވަނީ އިންޖީނު ނިވާލުމާ ގުޅިގެން ޑްރިފްޓްވެގެން ކަމަށާއި އެ ހާދިސާގައި ކެޕްޓަންގެ އިހުމާލު ވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

"މި ހާދިސާ ހިނގާފައިވަނީ މިހާރު ލިބިފައިވާ މައުލޫމާތަށް ބިނާ ކުރަންޏާ ބޯޓުގެ އިންޖީންގެ ޔުނިޓް ތިނެއްގެ ޓެމްޕަރޭޗާ މަތިވުމުން އިންޖީން ނިއްވާލުމުގެ ސަބަބުން އުޅަނދު ޑްރިފްޓްވެގެންގޮސް ފަރަށް އަރާފައިވަނީ،" ހަމަދު ވިދާޅުވިއެވެ.

އޭގެއިތުރުން، މި އުޅަނދު ފަރުން ސަލާމަތް ކުރުމަށް އުޅަނދުގެ ކެޕްޓަން ކުރަންޖެހޭ ކަންކަން ކޮށްފައި ނުވާކަންވެސް ހޯދި ހޯދުންތަކުން އެނގިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއްވިއެވެ.

"އުޅަނދު ފަރަށް އެރުމުގެ ކުރިން އުޅަނދަށް މިފަދަ މައްސަލައެއް ޖެހިފައިވާކަން ކޯސްޓަލް ސްޓޭޓަށް އަންގާފައިވާ ނުވާކަން ފާހަގަކުރެވޭ، އަދި ކެޕްޓަންގެ ހައިސިއްޔަތުން ނަގަންޖެހޭ އެކްޝަންތައް ނަގާފައި ނުވާކަންވެސް ފާހަގަވޭ، ހާއްސަކޮށް ނަގިލިލުން ކަހަލަ ކަންކަން ކޮށްފައި ނުވެ، އަދި އެހީއަށް އެދިފައި ނުވުމަކީ އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވާ ކަންކަން،" ހަމަދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފް އިން ވިދާޅުވީ،  ހާދިސާ އާއި ގުޅިގެން ޕޮލިއުޝަންގެ ހާދިސާ އެއް ހިނގާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް ހިނގާފާނެ ހާދިސާ އަކަށް އިދާރާތަކުން އޮތީ ތައްޔާރަށް ކަމަށް ދިފާއީ ބާރުން ހާމަކުރެއްވިއެވެ.

ހާދިސާގެ ސަބަބުން ލިބުނު ގެއްލުން ދެނެގަނެވޭނީ ބޯޓު ސެލްވޭޖް ކުރުމުގެ މަސައްކަތް ނިމުމުން ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ހާމަކުރައްވައިފައެވެ. އެގޮތުން  ބޯޓު ރީފްލޯޓްކުރުމުގެ މަސައްކަތް ފަށާނީ އަންނަ ސެޕްޓެމްބަރު މަހުއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ