ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން މަޖިލީހުގެ ރިޔާސަތު ކުރިމަތީ އަޑުގަދަކުރައްވައި އިހްތިޖާޖް ކޮށްފިއެވެ.
އިދިކޮޅު މެންބަރުން އިހްތިޖާޖު ކުރައްވަން ފެއްޓެވީ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން" ކަމަށް ބުނެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ދެއްކެވި ވާހަކައިގެ އޯޑިއޯ ލީކު މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާ، ބަހުސަށް ހުޅުވާލުމަށް ގުރުވަތުން ނުހޮވުމުންނެވެ.
އެ މައްސަލަ މިއަދުގެ ޖަލްސާއަށް ބަހުސް ހުޅުވާނުލެވުނީ، ދެ ކުއްލި މައްސަލައެއް ހުށަހެޅިފައި އޮތުމުން ގުރުއަތުން ދެން އޮތް މައްސަލަ ހޮވުމުންނެވެ. މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން އެއް ޖަލްސާއެއްގައި ދެ ކުއްލި މައްސަލައެއް ހުށަހެޅިއްޖެނަމަ އެ ދުވަހުގެ ޖަލްސާގައި ބަހުސަށް ހުޅުވާލާނީ ގުރުއަތުން ހޮވޭ މައްސަލައެކެވެ.
އިދިކޮޅު ބައެއް މެންބަރުން މަޖިލީހުގެ ރިޔާސަތު ކުރިމަތީގައި އަޑު ގަދަ ކުރައްވަމުން ގެންދެވާތީ މަޖިލީހުގެ ޖަލްސާ 10 މިނެޓަށް މެދުކަނޑާލުމަށްފަހު އަލުން ވަނީ ފަށައިފައެވެ. ނަމަވެސް އަދިވެސް އިދިކޮޅުގެ ބައެއް މެންބަރުން އަންނަނީ ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަކޮށް އިހްތިޖާޖުކުރަމުންނެވެ.




