ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު "އައްޑަނަ" ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާނެކަން އިއުލާންކޮށްފިއެވެ.
މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ މި ޖަލްސާ އަންނަ މަހު 3 ވަނަ ދުވަހުގެ ރޭ 08:15 ގައި އަލިމަސްކާނިވަލުގައި އޮންނާނެކަން ހާމަކުރައްވައިފައެވެ.
ޝުޖާއު ވިދާޅުވީ، މި ޖަލްސާއަކީ މިވަގުތު ދިވެހި ގައުމު އޮތް ހާލަތުން ދިވެހި ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތަކާއި ގުޅޭގޮތުން، މި ހާލަތަށް ބަލައި މައުލޫމާތުތައް ދިވެހި ރައްޔިތުންނާއި ހިއްސާކުރުމަށް ކޯލިޝަން ޕާޓީން އިސްނަންގަވައިގެން ބާއްވާ ޖަލްސާއެއް ކަމަށެވެ. މި ޖަލްސާގެ ނަމަކީ "އައްޑަނަ" ކަމުގައި ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، ޖަލްސާގެ ނަން ހާއްސަކުރެވިފައިވަނީ، ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ގެއްލި، އިސްލާމް ދީނަށް ފުރައްސާރަކޮށް، އަދުލް އިންސާފުގެ ތެރެއަށް އަތްބާނާ މުޅި ނިޒާމު ގަޑުބަޑު ކޮށް، ދިވެހި ރައްޔިތުން ނިކަމެތިކަމުގެ އިހްސާސް އިންތިހާއަށް ކުރެވި، ފްލެޓް ތަކަށް މީހުންނަށް ނުވަދެވި، ފްލްޓްތައް ފޭރިގަނެފައިވާ އެތައް ރައްޔިތުންތަކެއް މާލޭގައި މިހާރު ދިރިއުޅެމުންދާތީއާއި އަދި ރައްޔިތުންނާއި ގުޅޭ މިފަދަ އެތައް ކަންބޮޑުވުންތައް ސަރުކާރަށް އަމާޒުކުރުމަކީ މި ޖަލްސާގެ އަމާޒުކަމުގައި ވާތީކަމަށެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން" ކަމަށް ބުނެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ދެއްކެވި ވާހަކައިގެ އޯޑިއޯ ލީކު މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާ، ބަހުސަށް ހުޅުވާލުމަށް ގުރުވަތުން ނުހޮވުމުން މިއަދު އިދިކޮޅުން ވަނީ މަޖިލީޙުގެ ތަޅުމުގައާއި އަދި ރައީސް އޮފީހަށް ވަޑައިގެން އިހުތިޖާޖުކޮށްފައެވެ.
މިއީ ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމަށް ރައީސް އޮފީހުން ނުފޫޒު ފޯރުވައިފައި ވާތީވެ އެކަމާ ދެކޮޅަށް ކުރާ އިހްތިޖާޖެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.




