މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކޮންނަ ބޯޓު މަހާޖައްރާފު ދުއްވާނެ ކެޕްޓަނެއް ހޯދުމަށް އެކުންފުނިން އިއުލާންކޮށްފިއެވެ.
އެމްޓީސީސީ އިން ބުނި ގޮތުގައި ކޮންޓްރެކްޓެއްގެ ދަށުން އެއް އަހަރުގެ މުއްދަތަށް މަހާޖަރާފަށް ނަގާ ކެޕްޓަނުގެ މުސާރައަކީ 109،000ރ. އެވެ.
މުސާރައިގެ އިތުރުން ސްޓާފް މެޑިކަލް އިންޝުއަރެންސާއި ޕެންޝަން ލިބޭނެއެވެ. އަދި މި މަގާމަށް ނަގާ މީހަކު މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރާނެ އެވެ.
މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން މި މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވާއިރު، މި މަގާމަށް އިންޓަވިއު ކުރަން އޮތީ މި މަހުގެ 12 ވަނަ ދުވަހާއި 24 ވަނަ ދުވަހާ ދެމެދުގައި ކަމަށް އެމްޓީސީސީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
މިމަގާމަށް ކުރިމަތިލާ މީހަކީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ މާސްޓަރ އަންލިމިޓެޑް (500 GT ގެ އުޅަނދެއްގެ މާސްޓަރުކަން (STCW II/2)) އޮންނަ މީހަކަށް ވާން ޖެހޭނެއެވެ. އޭގެ އިތުރުން ޖީ.އެމް.ޑީ.އެސް.އެސް ސެޓްފިކެޓް ފުރިހަމަ ކޮށްފައިއޮންނަން ޖެހޭނެއެވެ. އަދި STWC Manila 2010 (އެއަށް ގެނެވިފައިވާ އިޞްލާޙުތައް ހިމެނޭ ގޮތަށް) ގައި ބަޔާން ކޮށްފައިވާ މިންގަނޑަށް ފެތޭ ތަޢުލީމާއި ތަމްރީން ޙާސިލްކޮށްފައިވާ މީހަކަށް ވެސް ވާން ޖެހޭނެއެވެ.
އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިޔެކިޔުމުގެ ޤާބިލްކަން ލިބިފައިވުމާއި އެންސިލަރީ ޕްރޮފިޝަންސީ ޓްރެއިނިންގ ކޯސް ފުރިހަމަކޮށްފައިވުމާއި (އަޕްޑޭޓެޑް STCW ބޭސިކް ސޭފްޓީ ޓްރެއިނިންގ ކޯސް ހިމެނޭ ގޮތަށް) ޕީއެމްއެސް ސިސްޓަމަށާއި ކޮމްޕިއުޓަރަށް ފަރިތަވުމަކީ ވެސް މަގާމުގެ ޝަރުތެކެވެ.
އަދި ނިޔަމިކަމުގެ ރައްކާތެރިކަމަށްޓަކައި، ECDIS އަށް ފަރިތަވުމާއި ބްރިޖް ރިސޯސް މެނޭޖްމަންޓާއި، ލީޑަރޝީޕް އަދި މެނެޖީރިއަލް ހުނަރުތަކުގެ ޢިލްމު ލިބިފައިވުމާއި މަދުވެގެން 2 އަހަރުދުވަހު މާސްޓަރ (އެފް.ޖީ ޓްރޭޑް) މަގާމް އަދާކޮށްފައިވުން ނުވަތަ މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޗީފް އޮފިސަރ މަގާމު އަދާކޮށްފައިވުމަކީ ވެސް ޝަރުތެކެވެ. މަގާމަށް ހޮވުމުގައި ޑްރެޖަރ އެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ ނުވަ ވަނަ ދުވަހެވެ.



