ސިޓީގެ ދަރަޖަ ދީފައިވާ ފުވައްމުލަކުގައި ޕީ.ސީ.އާރ ޓެސްޓް ހެދޭނެ ވަސީލަތެއް ނެތް މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އާދަމް ޝަރީފް މިއަދު ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ކޯވިޑް 19 އާގުޅިގެން މޮނިޓަރިންގގެ ޙާލަތުގައި ބާއްވަން ޖެހުމުގެ ސަބަބުން ގިނަގުނަ ދަތިތަކަކާއި އުނދަގޫތަކެއް ފުވައްމުލަކު ސިޓީގެ ރައްޔިތުން އަންނަނީ ތަހައްމަލު ކުރަމުންކަމަށެވެ. އަދި ޕީ.ސީ.އާރ ޓެސްޓް ފުވައްމުލަކު ސިޓީގައި ހެދޭނެ އިންތިޒާމު މިހާތަނަށް އައިއިރުވެސް ހަމަޖެހިފައި ނެތުމުގެ ސަބަބުން، ދަތުރުފަތުރު ކުރަން ދަތިވެ، އިޤުތިޞާދީގޮތުންނާއި މާލީގޮތުން ބޮޑެތި ގެއްލުންތައް އެ ސިޓީއަށް ލިބެމުންދާކަމަށެވެ.
"ސިޓީ"ގެ ދަރަޖަ ދީފައިވާ ފުވައްމުލަކުގެ ރައްޔިތުން ޕީ.ސީ.އާރ ޓެސްޓް ހަދަން ސާމްޕަލް ނެގުމަށްފަހު އެ ސާމްޕަލް ފޮނުވަންޖެހެނީ އެހެން ސިޓީއަކަށް ކަމަށާއި އަދި އަދި ޓެސްޓްގެ ސާމްޕަލް އެހެން ސިޓީއަކަށް ފޮނުވުމަށްފަހު، އެ އެސިޓީއަކުން ޓެސްޓްގެ ނަތީޖާ ލިބެންދެން، ތިންހަތަރު ދުވަހު މަޑުކުރަންޖެހުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް މިމައްސަލަ ހުށަހަޅުއްވައިގެން، ފުވައްމުލަކު ސިޓީގައި ޕީ.ސީ.އާރ ޓެސްޓް ހެދޭނެ އިންތިޒާމު މިހާ ދުވަސްވީއިރުވެސް ހަމަޖެހިފައި ނުވަނީ ކީއްވެކަމާއި ޕީ.ސީ.އާރ ޓެސްޓް ހެދޭނެ އިންތިޒާމު ފުވައްމުލަކުގައި ހަމަޖެހޭނެ ތާރީޚު ސާފުކޮށްދެއްވުމަށް އާދަމް ޝަރީފްވަނީ މިސިޓީގައި އެދިފައެވެ.



