ކައިލީ އިނީ ދެވަނަ ދަރިފުޅަށް ބަލިވެކަން ޔަޤީންކޮށްދީފި!

މަޝްހޫރު ރިއަލިޓީ ތަރި ކައިލީ ޖެނާ، އޭނަގެ ކުރީގެ ލޯބިވެރިޔާ ޓްރޭވިސް ސޮކޮޓްގެ ދެވަނަ ދަރިއަކަށް ބަލިވެ އިންކަން ޔަޤީންކޮށްދީފިއެވެ.

މިދިޔަ މަހުން ފެށިގެން މީޑިއާގައި އެންމެ ބާރަށް ދެކެވެމުން އައި ވާހަކައަކީ ކައިލީ އަށް ދެވަނަ ކުއްޖަކު ލިބެން އުޅޭވާހަކައެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައެއް ކައިލީ އަދި އަލަތު ދަރިފުޅުގެ ބައްޕަ ޓްރޭވިސް ސްކޮޓްވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކައިލީ އާއި ރެޕް އާޓިސްޓް، ޓްރޭވިސްއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން ޔަޤީންކޮށްދިނީ ކައިލީގެ ރަސްމީ އިންސްޓަގްރަމް އެކައުންޓުގައި ހިއްސާކުރި ވީޑިއޯއަކުންނެވެ.

މި ވީޑިއޯ ކްލިޕްގައި ކައިލީގެ މަންމަ ކްރިސް ޖެނާއަށް މި ހަބަރު ގެންގޮސްދޭ މަންޒަރު ފެނިގެންދާއިރު، އެވަގުތު ކްރިސް އަށް ކުރެވުނު އިހްސާސްތައްވެސް ވީޑިއޯއިން ފެނިގެންދެއެވެ. އެގޮތުން މިއީ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ވަގުތު ކަމަށް ކައިލީގެ މަންމަ ބުނެއެވެ.

އޭގެ އިތުރުން ވީޑިއޯ ފެށޭއިރު ކައިލީ ގޮސް ޓްރޭވިސް އަށް ވެސް މި ހަބަރު ދޭ އުފާވެރި މަންޒަރުގެ އިތުރުން، ކައިލީ އާއި ޓްރޭވިސް އަދި އެމީހުންގެ އަލަތު ދަރިފުޅު ސްޓޯމީ އެކުގައި އަލްޓްރާސައުންޑް ސްކޭން ހަދާ މަންޒަރުވެސް މި ވީޑިއޯ ކްލިޕުން ފެނިގެންދެއެވެ. އަދި ވީޑިއޯ ނިމޭއިރު، ސްޓޯމީ އުފަލުން ގޮސް މަންމަ، ކައިލީގެ ބަނޑުގައި ބޮސްދޭ ތަންވެސް ފެނިގެންދެއެވެ.

ސްޓޯމީ ލިބުމަށްފަހު ކައިލީ އާއި ޓްރޭވިސް 2019 ވަނަ އަހަރުގެ އޮކްޓޯބަރުގައި ރަސްމީކޮށް ވަކިވިކަން އިއުލާންކުރިނަމަވެސް، ބެލެނިވެރިންގެ ގޮތުގައި ކައިލީ އާއި ޓްރޭވިސް އަންނަނީ އެކުގައި ވަގުތު ހޭދަކުރަމުންނެވެ. އަދި ކައިލީއާއި ޓްރޭވިސް އަށް ދެވަނަ ދަރިއަކު ލިބެން މި އުޅެނީ، މި ދެމީހުން އަލުން ގުޅުނުކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. ނަމަވެސް ދެމީހުން ގުޅުނު ކަމަށް ބުނެ މީޑިއާގައި ހަބަރު ފެތުރުމާއެކު، ކައިލީ އޭރު ވަނީ ހަދަހަދައިގެން މީޑިއާގައި ވާހަކަ ޖަހަނީ ކަމަށް ބުނެފައެވެ.

ކައިލީ އާއި ޓްރޭވިސް އަށް ލިބިފައިވާ 3 އަހަރުގެ އަންހެން ދަރިފުޅު، ސްޓޯމީ ލިބުމާއެކު، ކައިލީވަނީ މަންމައަކަށް ވުމުން ކުރެވޭ އިހްސާސްތަކަކާ ގުޅޭގޮތުން އެކި ޕްރެސް އިންޓަވިއުތަކުގައި ވާހަކަދައްކައިފައެވެ. އަދި ސްޓޯމީ ލިބުނުތާ މަހެއްހާ ދުވަސްފަހުން ކައިލީ ވަނީ ދެވަނަ ދަރިފުޅެއް ހޯދަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.

ކައިލީ އާއި ޓްރޭވިސް އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން ދުނިޔެއަށް މިހާރު ކަށަވަރުކޮށްދީފައިވާއިރު، ކައިލީގެ އާއިލާ މީހުންނާއި ރައްޓެހިން އަދި ފޭނުން އަންނަނީ މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ