ނޮޅިވަރަމްގައި ކޮވިޑުގެ ހާލަތު ގޯސްވެ، މަޖިލީހަށް ކުއްލި މައްސަލައެއް!

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިގެން މޮނިޓަރިންއަށް ލައިފައި އޮތް ހދ. ނޮޅިވަރަމްގައި ކޮވިޑް ހާލަތު ގޯސްވެ، ސިއްހީ ނިޒާމުގެ ކަންކަން ގޯސްވުމުގެ ސަބަބުން ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲއެވެ.

މެންބަރު މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ، ކޮވީޑް-19 ގެ ހާލަތުގައި ތިލަދުންމަތީ ނޮޅިވަރަމް ދާއިރާ މިހާރު އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި، މިއަދާއި ހަމައަށް އެރަށުން ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާއިރު ރަށުގެ ސިއްހީ މަރުކަޒުގައި ދުއްވާނެ އެމްބިއުލެންސެއް ނެތްއިރު އެމްބިއުލެންސެއްގެ ގޮތުގައި ރަށުގައި ދުއްވަނީ ޕިކަޕެއް ކަމަށެވެ. އަދި މިކަމަކީ ބަލިމީހުންނަށް އެންމެ ރައްކާތެރި ގޮތް ނޫންކަން ފާހަގަކުރައްވައި މޮސްޓާ ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުން ވީހާވެސް އަވަހަކަށް އެމްބިއުލަންސެއް އެރަށަށް ފޯރުކޮށްދީ މައްސަލަ ހައްލުކުރަން ޖެހޭކަމަށެވެ.

މޮސްޓާ ފާހަގަކުރިގޮތުގައި ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ތިން މުވައްޒަފަކު މިހާރުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މި ހާލަތުގައި އެ ރަށް އަރާ ފޭބުމުގައި ދަތި އުނދަގޫތަކާއި ކުރިމަތިވެ، ރަށުގެ ރައްޔިތުން ދަނީ މި އާލަމީ ވަބާގައި ހިތްދަތި ދުވަސްތަކެއް ގުނަމުންނެވެ.

މީގެ އިތުރުން ނޮޅިވަރަންފަރުގައިވެސް ކޮވިޑު ހަލުއިކަމާއެކު ފެތުރެމުން އަންނަކަން ފާހަގަކޮށް މޮސްޓާ ވިދާޅުވީ އަދި އެ ދެ ރަށަށްވެސް ބޭނުންވާ އެހީތެރިކަން ވީހާވެސް އަވަހަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

ޕޮޒިޓިވް ކޭސްއެއް ފެނި ނޮޅިވަރަމް މޮނިޓަރިންނަށްލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ނޮޅިވަރަންފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ