އިކޮނޮމިކް މިނިސްޓަރު ފައްޔާޒް - ފޮޓޯ: މަޖިލިސް

ބިގަށް 78 މިލިއަން ރުފިޔާ ދިނުމުގައި ނުފޫޒެއް ނުފޯރުވަން - ފައްޔާޒު

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) ން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުގެ ފަރާތުން ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، ބިގް ކުންފުންޏަކީ ފައްޔާޒްގެ މަސްލަހަތު އޮތް ކުންފުންޏެއްތޯ ސުވާލު ކުރުމުން، ފައްޔާޒް ވިދާޅުވީ އެ ކުންފުނީގައި އޭނާގެ މަސްލަހަތު އޮތީ މާޗް 2015 އާ ހަމައަށް ކަމަށާއި، ބިގަށް 78 މިލިއަން ރުފިޔާ ދޭން ހުކުމް ކުރި އިރު، އޭނާގެ މަސްލަހަތެއް އެ ކުންފުނީގައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑަކަށް ނޭނގޭ ކުންފުނީގެ ހިއްސާ އޮތީ ކިހިނެއް ކަމެއް. އެކަމަކު ޔަގީން ކަމާ އެކީގައި ދަންނަވަން އެނގޭ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެގެ [ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލް] ގެ ހިއްސާ އެ ކުންފުނީގައި އޮވޭ." ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށް ލިބިފައި ހުރި އަނިޔާތަކާއި އޭރުގެ އިދިކޮޅު ފަރާތްތަކަށް ލިބިފައި ހުރި ގެއްލުންތައް ވަޒަން ކުރި އިރު ދެ ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ބަދަލު ދޭން ޖެހޭނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށެވެ.

އެހެންވެ، މި ސަރުކާރަށް އަތުވެދާނެ ބޮޑު ބުރައަކުން ސަލާމަތް ކުރުމަށް މިގޮތަށް ހުރި ހުރިހާ މައްސަލަތަކެއް ދައުލަތަށް ބުރަ ނުވާނެ ގޮތަކަށް ވާހަކަ ދައްކައިގެން އަދުލުވެރި ގޮތަކަށް ނިންމޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާފައި ވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އެއީ ނުފޫޒު ކަމަށް ވާ ނަމަ، އަޅުގަނޑުގެ ނުފޫޒު ވަރަށް ބޮޑަށް އެކަމުގައި އޮތް،" ފައްޔާޒް ވިދާޅުވި އެވެ.

ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެމްއެންބީސީން ބިގަށް 78 މިލިޔަން ރުފިޔާ ދޭން ޖެހި އޭގެ ތެރެއިން 30 މިލިޔަން ރުފިޔާ ޕީއެސްއެމުން ވަނީ ދައްކައިފަ އެވެ.

ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމްކުރީ އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، 78 މިލިއަންގެ ތެރެއިން 72.9 މިލިއަން ރުފިޔާ އަކީ ޖޫރިމަނާ އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 ޕަސެންޓް ހިއްސާ އޮންނަ ބިގާ އެކު އެމްއެންބީސީން މާޗު 7، 2010 ގައި ވީ އެއްބަސްވުމުގެ ދަށުން، އެމްއެންބީސީއަށް އިސްތިހާރުތަކުން ލިބޭ އާމްދަނީން ފަސް ޕަސެންޓްގެ ކޮމިޝަނެއް ބިގަށް ދޭން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ