ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ގައި ދިން ހަމަލާއާ ގުޅިގެން އިތުރު 3 މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، މި މީހުންގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ ހޯމަ ދުވަހު ކަމަށެވެ. އެގޮތުން ދައުވާ އުފުލާފައިވަނީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް، އަދި މ. ކުދެހިގެ، އިސްހާގު ގެ މައްޗަށެވެ.
މި މައްސަލައިގައި ފަހުމީ އަލީގފެ މައްޗަށް ކޮށްފައިވަނީ ގާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 07 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.
އޭގެ އިތުރުން، މ. ކުދެހިގެ، އިސްހާގުގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ގާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ކުށުގެ ދައުވާއާއި، ގާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 07 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާގެ އިތުރުން، ގާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީން މީގެ ކުރިން މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ގެ މައްޗަށެވެ.




