ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް އޭސީސީއާއި ފުލުހުންނާއެކު ޕީޖީން ޚާއްސަ މަސައްކަތްތަކެއް

ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް އޭސީސީއާއި ފުލުހުންނާއެކު ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.

ޕީޖީ އޮފީހުން މިކަން ހާމަކުރައްވަމުން ވިދާޅުވި ގޮތުގައި، އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާ އުފުލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ފެނަކައިގެ ޚިޔާނާތުގެ މައްސަލަތަކަކީ ޕީޖީ އޮފީހުން ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެކެވެ.

މި މައްސަލަތަކާ ގުޅޭގޮތުން އޭސީސީއަށް ރައްދުވާގޮތަށް މިއަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު ނެރެފައިވާ އަމުރާއެކު، އިރުޝާދެއް ތައްޔާރުކޮށް، އެ އިރުޝާދުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި މައްސަލަތަކުގެ ތަޙްޤީޤު ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ. އަދި އެމް.އެމް.ޕީ.އާރު.ސީގެ މައްސަލަތަކުގައި ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކުރުމަށްވެސް ވަނީ އަންގާފައެވެ.

ޕީޖީ އޮފީހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މައްސަލަތައް އަވަސްކުރުމަށްޓަކައި އޭސީސީއަށް ބޭނުންވާ އެހީތެރިކަން 24 ގަޑިއިރު ލިބޭގޮތަށް ކަންކަން މަގުފަހިކުރުމުގެ ބޭނުމުގައި، ޚާއްޞަ ޕްރޮސިކިއުޝަން ޓީމްތަކެއް ވަނީ އެކުލަވާލާފައެވެ. މީގެއިތުރުން، މި މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމު ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އޭސީސީ ގުޅިގެން ފުޅާ ތަޙްޤީޤެއް ކުރިޔަށް ގެންދިއުމަށް ވަނީ އަންގާފައެވެ.

އަދި މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. މިގޮތުން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގެ މަސައްކަތް، އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް ތިން މުއައްސަސާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ