މަޖިލީހުގެ ޖަލްސާއެއްގައި ހިސާން ހުސައިން - ފޮޓޯ: މަޖިލިސް

އިމުން ބޭރުވާނަމަ ސުޕްރީމް ކޯޓަށް ފިޔަވަޅު އަޅަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އެހެން ވެސް މުއައްސަސާތަކުގެ އިމަށް ސުޕްރީމް ކޯޓުން އަރައިގަންނަ ނަމަ، އެކަމުގައި އެކަށީގެންވައި ފިޔަވަޅު ރައްޔިތުން މަޖިލީހުން ސުޕްރީމް ކޯޓާ މެދު އަޅަން ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ ފާސްކޮށްފިއެވެ.

އަބްދުﷲ ދީދީގެ ސަސްޕެންޝަނަށް އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ހިލާފަށް މަޖިލީހުން ވެސް ކަމެއް ނުނިން މުމަށް އަންގައި އެ ކޯޓުން ހޯމަ ދުވަހު ނެރުނު އަމުރުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން، ބަހުސްގެ މަރުހަލާގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން މަޖިލީހަށް ހުށަހެޅި މި ޤަރާރުގައު ސުޕްރީމް ކޯޓަށް ގިނަ ކަންތައްތަކަށް އިލްތިމާސް ކުރުމަށް ހިމަނާފައިވެއެވެ.

ހިސާން ހުސައިން މަޖިލީހަށް ހުށަހަޅާއި، އިމްތިޔާޒް ފަހުމީ ތާއީދުކުރެއްވި މި ޤަރާރު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ ތާއީދާއެކުގައެވެ.

ހިސާން އެ ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ، ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނީ މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކުން ނިންމާ ކަމަކަށް ގޮތް ކިޔުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ސާފު ބަހުން ބުނެފައި ވަނިކޮށް ގާނޫނުގައި ކަނޑައެޅިފައިވާ އެ އުސޫލުތަކާ މުޅިން ހިލާފަށް ކަމަށެވެ.

ގާނޫނުތަކުގައި އެހެން އެކަން އޮއްވައި، އެ އަމުރަށް މަޖިލީހުން ތަބާވާނަމަ އެއީ ގާނޫނުއަސާސީއިން މަޖިލީހަށް ލިބިފައިވާ ބާރުތައް ދޫކޮށްލުން ކަމަށް ހިސާން ވިދާޅުވި އެވެ. އޭގެ ސަބަބުން ދައުލަތް ހިންގުމުގެ ނިޒާމް ބޮއްސުންލައިގެން ގޮސް، ދައުލަތް ތަރުތީބު ވެފައިވާ ނިޒާމް އޮޅުންބޮޅުންވާނެ ކަމަށް ހިސާންގެ ގަރާރު ހުށަހަޅުއްވަމުން ވިދާޅުވި އެވެ.

އެ ގަރާރުގައި ހިސާން ވިދާޅުވީ، މިފަދަ އަމުރުތަކަކީ މަޖިލިސް ނުވަތަ މަޖިލީހުގެ އެއްވެސް މެމްބަރަކު ބަނދެވޭނެ އަމުރުތަކެއް ނޫން ކަމަށެވެ. އަދި މަޖިލީހުން ކަންކުރާނެ ގޮތް ނިންމާނީ ވެސް، ހަމަ ސީދާ މަޖިލީހުން ކަމަށް ވެސް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ސާފުކޮށް އެނގޭ ކަމަށް ވެސް ހިސާން ފާހަގަ ކުރެއްވި އެވެ.

"... ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ހަވާލާދެވުނު ކޯޓް އަމުރަކީ މި މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަނެވޭނެ ގޮތަށް ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައި އޮތް ޣައިރު ގާނޫނީ އަމުރެއް ކަމަށް އިގުރާރުވެ އަދުލު އިންސާފު ގާއިމްކުރުމުގެ ތެރޭގައި ހިމެނޭ އެންމެ އިސް އިސްތިއުނާފީ ކޯޓްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގާނޫނުން ލިބިދީފައިވާ ބާރުތަކަށް އިހުތިރާމްކުރުމުގެ މަތީ ދެމި އޮތުމަށް އިރުޝާދު ދިނުމަށާއި، އެ ބާރުތަކުގެ އިމުން ބޭރުވެ ރައްޔިތުން މަޖިލީހުން ލިބިފައިވާ އެއްވެސް ބާރަކަށް އަރައިގަނެ މި މަޖިލީހުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިފި ނަމަ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ބަސްބުނާ މަޖިލީހުގެ ބާރުތަކާއި އެ މަޖިލީހުގެ ދުސްތޫރީ ބާރުތައް ނެގެހެއްޓުމަށް ޓަކައި އަޅާން ޖެހޭ އެންމެހާ ފިޔަވަޅުތައް މި މަޖިލިސް އިގުރާރުވަމެވެ،" ހިސާން ހުށަހެޅުއްވި ގަރާރުގައިވެއެވެ.

ސުޕްރީމް ކޯޓަށް އިންޒާރުދީ މަޖިލީހުން ވަރުގަދަ ގަރާރެއް ފާސްކުރިިއިރު، ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށްވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް