ރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާ ފުލުހުން ރޫޅާލުމުގެ ތެރޭގައި، މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު މައްސަލަ ތަހުގީގުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގޮވާލައިފިއެވެ.
ނޫސްވެރިންނަށް ފުލުހުން އަނިޔާކުރުން ކުށްވެރިކޮށް އެމްއެމްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއަޅާފައިވާކަމަށާއި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގެ ޝަކުވާ ހުށަހަޅައިފައިވާ ކަމަށެވެ.
އެމްއެމްސީން ބުނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ ހިނދެއްގައި ހަމައެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމާއި ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަކީ، އެ ކައުންސިލުގެ ގާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަން ފާހަގަކޮށް، އެމްއެމްސީން ވަނީ ފުލުހުންގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ކައުންސިލުން ގޮވާލިއެވެ.




