ފޮޓޯ: އަވަސް

މަސްދަރު ހާމަކުރާ މާއްދާ އުނިކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައިވާ ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް އޮތް މާއްދާގެ ސަބަބުން ނަހަމަގޮތުގައި އެ މާއްދާ ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާންމުކުރާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެއެވެ.

މި ބިލާއި ގުޅޭގޮތުން މީޑިއާ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި މިހާރު އޮތް ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް، ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ 2 ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވާ ކަމަށެވެ.

މި މާއްދާ މިގޮތަށް އޮވެ ބިލު ފާސްވެއްޖެނަމަ، ޤާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް މީޑިއާ ކައުންސިލުން ވިދާޅުވިއެވެ.

ދި މިގޮތަށް ގާނޫނެއް ފާސްވުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހޯއްދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ އަދި އެކަން މުޅި ދުނިޔޭގެ ސަމާލު ކަމަށް އައިސް ބައިނަލްއަގްވާމީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވެސް އެމްއެމްސީން ބުންޏެވެ.

އެހެންކަމުން، 2016 ވަނަ އަހަރު އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ސަބަބުން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް ލިބިގެންދިޔަ ގެއްލުންތަކުން ފިލާވަޅު ލިބިގަނެ، ހެއްކާއި ބެހޭ ބިލުންވެސް މި ފާހަގަކުރެވުނު ބައިތައް އުނި ކުރުމަށް މީޑިއާ ކައުންސިލުން ސަރުކާރަށާއި މަޖިލީހަށް ގޮވާލައިފައިވެއެވެ.

އެމްއެމްސީން އިތުރަށް ބުނީމިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއާ ބައްދަލުކުރުމަށާއި، އަދި މިކަން އިސްލާހުކުރުމަށް ކުރަންޖެހޭ ކުރުމަށް މިއަދުގެ ކައުންސިލުގެ ޖަލްސާގައި ފާސްކޮށްފައިވާކަމަށެވެ.

ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި، ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް
ނުވާނެއެވެ.

151 މާއްދާއެއް ހިމަނާފައިވާ ހެއްކާބެހޭ ބިލުގެ 16 ވަނަ ބާބުގައި އެ ގާނޫނުން އިމްތިޔާޒް ލިބިގެންވާ މުއާމަލާތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، 136 ވަނަ މާއްދާގެ (ހ)ގައި ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހަކީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭން ނުވަތަ އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތުގައި ހާމަކުރަން އެ ނޫސްވެރިޔާ ނުވަތަ ނޫހުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

136 ވަނަ މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އަންނަނިވި ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށް (ށ) ގައި ބުނެފައިވެއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ބިލުގައި ބޭނުމެއް ކަމަށް ބުނެފައިވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް، ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ