މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޒާކިރު ނައިކްގެ ފިރިހެން ދަރިފުޅު، ފާރިގް ޒާކިރް ނައިކްއާ ކައިވެނި ކުރާނެ އަޙްލާޤް ރަނގަޅު އަންހެން ކުއްޖަކު ހޯދުމަށް ޒާކިރު ނައިކް އިއުލާންކޮށްފިއެވެ.
ޑރ. ޒާކިރު ނައިކް މިއަދު ވަނީ އޭނަގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިކަން އިއުލާންކޮށް ޕޯސްޓެއް ޖަހައިފައެވެ.
ޑރ. ޒާކިރު ނައިކް ފޭސްބުކްގައި ހިއްސާކުރި ޕޯސްޓުގައި ބުނީ، އެބޭފުޅާގެ ފިރިހެން ދަރިފުޅު ފާރިޤްއާ ކައިވެނި ކުރާނެ އަޙްލާޤް ރަނގަޅު މުސްލިމް އަންހެން ކުއްޖަކު ހޯދަމުންދާކަމަށެވެ.
މި ޕޯސްޓުގައި ޒާކިރް ނައިކް ވަނީ އޭނަގެ ފިރިހެން ދަރިފުޅުގެ އަތްބަކަށް ވާން ބޭނުންވާ އަންހެން ކުއްޖާގެ ގައިގައި ކޮންމެހެން ހުންނަން ޖެހޭ ލާޒިމް ސިފަތަކާއި، އަދި ބޭނުންވާ އިތުރު ސިފަތައްވެސް ހިއްސާކޮށްފައެވެ. މީގެ އިތުރުން ދަރިފުޅު ފާރިގްގެ ޒާތީ މައުލޫމާތާއި، ތައުލީމީ ކޮލިފިކޭޝަން އަދި ހާސިލްކުރެވިފައިވާ ކާމިޔާބީތައްވެސް ލިސްޓުކޮށް ވަނީ ހިމަނާފައެވެ.

އަދި އަންހެން ކުއްޖާގެ ގައިގައި ހުންނަން ޖެހޭނެ މި ސިފަތައް ފުރިހަމަވާ އަންހެން ދަރިއަކު ހުރިނަމަ، ޝައުގުވެރިވާ ބެލިނިވެރިން ޒާކިރްގެ އެ ޕޯސްޓަށް ޖަވާބު ފޮނުވުމަށް އޭނާ އެދިފައިވެއެވެ.

ޑރ. ޒާކިރު ނައިކްގެ ފިރިހެން ދަރިފުޅު، ފާރިގްއާ ކައިވެނިކުރަން ބޭނުންވާ އަންހެން ކުއްޖެއްގެ ގައިގައި ފުރިހަމަވާން ޖެހޭ އެންމެ މުހިއްމު ސިފަތަކަށް ބަލާއިރު މައިގަނޑު ގޮތެއްގައި ޒާކިރް ނައިކް ފާހަގަކޮށްފައިވަނީ، އިސްލާމް ދީނަށް އުޅޭ އަހްލާޤް ރަނގަޅު އަންހެން ކުއްޖަކަށް ވުމެވެ. އަދި މަލޭޝިއާގައި ދިރިއުޅެން ބޭނުންވާ އަންހެން ކުއްޖަކަށް ވާންޖެހޭނެ ކަމަށްވެސް ޒާކިރް ނައިކް ފާހަގަކޮށްފައި ވެއެވެ.



