އިންޑިއާގައި ތަމްރީނު ހަދަމުންދިޔަ ލާންސް ކޯޕްރަލް މުޙައްމަސު ސުލްތާން ނިޔާވީ މައްސަލައިގެ ތަހުޤީގަށް ޕޯސްޓްމޯޓަމް ހަދެމަށް ނިންމައިފައިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.
ސުލްތާން އިއްޔެ ނިޔާވެފައި ވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ތަމްރީނު ހަދަމުން ދަނިކޮށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ސުލްތާން މަރުވެފައިވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި އިއްޔެ އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އިއްޔެ މެންދުރުފަހުއޮތް މިދުވުމުގެތެރޭގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވެއްޓުމުން ވަގުތުން އިމަޖެންސީގައި 13:58 ހާއިރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ވަނީ ނިޔާވެފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ސުލްތާންގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އިންޑިއަން އެކްސްޕްރެސް އަށް ޕޫނާގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޕޮނިމާ ގައިކްވަޑް ދިން އިންޓަވިއުއެއްގައި ބުނީ، މިހާތަނަށް ބެލި ބެލުމުން ސުލްތާންގެ މަރުގައި ޝައްކު ކުރެވޭފަދަ ކަމެއް ނުފެންނަ ކަމަށާއި، ނަމަވެސް އިންޑިއާގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން މައްސަލަ ބެލުމަށް ކަމާ ގުޅޭ ހުރިހާ ކަމެއް ވެސް ބަލަމުންދާނެ ކަމަށެވެ.
ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ސިފައިންގެ ހިދުމަތާއި ގުޅުނީ އޭޕްރީލް 8، 2018 ގައެވެ. އޭނާ މަރުވިއިރު ފުރިހަމަ ކުރަމުން ދިޔައީ މާޗް 1، 2021 އިން މާޗް 15، 2024 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ކުރިއަށްދާ 145 ވަނަ އޮފިސަރު ކެޑޭޓް ކޯހެވެ. ކޯހަކަށް ދިއުމުގެ ކުރީން ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން މަސައްކަތް ކުރަމުން ގެންދިޔައީ އިންޓަގްރޭޓެޑް ހެޑްކްއޯޓާޒް (ޖޭ-1) ގައި ކަަމަށް އެމްއެންޑީއެފުން ބުންޏެވެ. ލާންސް ކޯޕްރަލް ރޭންކު މުހައްމަދު ސުލްތާނަށް ލިބިފައިވަނީ ކޯސް ފުރިހަމަ ކުރަން އިންޑިއާގައި ހުއްޓައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ސުލްތާންގެ ހަށިގަނޑު މާލެ ގައުމަށް ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.




