ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ ބޭއްވި ހިނގާލުމެއްގެ ތެރެއިން | ފޮޓޯ: އަވަސް

މަސްދަރު ހާމަކުރާ މާއްދާ އަނބުރާ ގެންދިއުމަށް ޖަމިއްޔާތަކުން ގޮވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައިވާ ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް އޮތް މާއްދާއާ ދެކޮޅަށް ފަސް ޖަމިއްޔާއަކުން ނިކުމެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާންމުކުރާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެއެވެ.

އެ މާއްދާ އަނބުރާ ގެންދިއުމަށް ގޮވާލައިފައިވަނީ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، ޓްރާންސްޕޭރަންސީ މޯލްޑިވްސް، އެމްނެސްޓީ އިންޓަނޭޝަނަލް އަދި މޯލްޑިވްސް އެޑިޓާސް ގިލްޑުންނެވެ.

އެ ފަސް ޖަމިއްޔާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ  ދެ މާއްދާއާ އެކު ގާނޫނު ތަސްދީގުކޮށްފިނަމަ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި "ޝާއިއު ކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް" ބަޔާންކޮށްފައިވާ ހައްގުތައް ބޮޑުތަނުން ހަނިވެގެންދާނެ ކަމަށެވެ.

މަސްދަރު ހާމަ ކުރުމަށް ނޫސްވެރިންނަށް މަޖުބޫރު ކުރުމަކީ ރާއްޖޭން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ، އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ 19 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގަށް ހުރަސް އެޅިގެންދާ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ބިލު އެއޮތް ގޮތަށް ގާނޫނަކަށް ވެއްޖެނަމަ، އެކަމުގެ ސަބަބުން ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ގެއްލި، ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް މަސްދަރުތަކުގެ ފަރާތުން މައުލޫމާތު ނުދިނުން ފަދަ މައްސަލަތައް ދިމާވެ، ނޫސްވެރިންގެ މަސައްކަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށެވެ.

މި ބިލާއި ގުޅޭގޮތުން މީޑިއާ ކައުންސިލުންވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މި މާއްދާ މިގޮތަށް އޮވެ ބިލު ފާސްވެއްޖެނަމަ، ޤާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް މީޑިއާ ކައުންސިލުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ