ސަރުކާރުން ހުށައެޅި އިސްލާހުތަކާއެކު، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ފުރިހަމަ ޙައްލެއް ލިބޭނެ: އޭޖީ

މީޑިއާތައް ރެގިއުލޭޓްކުރުމާ ގުޅޭ ބިލަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކާއެކު، ނޫސްވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ފުރިހަމަ ޙައްލެއް ލިބޭނެކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙުމަދު އުޝާމު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ބަންޑާރަ ނައިބު ވިދާޅުވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށައެޅުއްވި މި ބިލާ ގުޅިގެން ސަރުކާރުން 14 އިސްލާހެއް ހުށައަޅާފައިވާ ކަމަށެވެ.

އޭޖީ އޮފީހުގެ ޤާނޫނީ ޓީމުން ކުރި ދިރާސާގައި، ބިލުގައި އެންމެ މުހިންމު އިސްލާހެއްގެ ގޮތުގައި ހުށައަޅާފައިވަނީ، ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނާނެ ގޮތަށް ބަދަލުކުރުން ކަމަށް އޭޖީ ފާހަގަކުރެއްވިއެވެ.

"ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމާއި ދުރުކުރުމުގައި ރައީސްގެ އެއްވެސް ދައުރެއް ނޯންނާނެ. 17، 19، 20 ވަނަ މާއްދާއަށް މި އިސްލާހުތައް ހުށައެޅިން. އެއީ ނޫސްވެރިންގެވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

މީގެއިތުރުން، ވަކިވަކި ނޫސްވެރިންނާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް ބައި އުނިކުރުމަށާއި، އެޑިޓަރުންގެ ކޮލިފިކޭޝަނާއި ކޮމިޝަނުގެ ބަޖެޓާ ގުޅޭ އިސްލާހުތައްވެސް ސަރުކާރުން ވަނީ ހުށައަޅާފައެވެ. އަދި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލުމާއި، މީޑިއާތައް ރެގިއުލޭޓްކުރެވޭނެ ރަނގަޅު ނިޒާމެއް އެކުލަވާލުމަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތް ދެ ކަމެއްކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.

މިހާރު ކޮމިޓީ މަރުހަލާގައިވާ މި ބިލަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، އިސްލާމްދީނާ ޚިލާފު ކަންކަމާއި ބަދުއަޚްލާޤީ ޢަމަލުތައް ހުއްޓުވުމާ ގުޅޭ ބައިތައްވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ