ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް "ސްޓްރޭންޖާ ތިންގްސް" ސީޒަން 4 އާ ޓީޒާ ޓްރެއިލާއެއް ދައްކާލައިފިއެވެ.
ސްޓްރޭންޖާ ތިންގްސް ގެ ތިންވަނަ ސީޒަން ދެއްކިތާ މިހާރު ދެ އަހަރުވެފައިވާއިރު، ހަތަރު ވަނަ ސީޒަން ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުން ލަސްވެގެންދިޔައީ ކޮވިޑް-19 ގެ ޕެންޑެމިކްއާއި ގުޅިގެންނެވެ. އެގޮތުން އޭރު މަސައްކަތް ފަށައިފައިވާ ނެޓްފްލިކްސްގެ ގިނަ ޕްރޮޖެކްޓެއްގެ ޕްރޮޑަކްޝަން މަސައްކަތް ހުއްޓުމަކަށް އައެވެ.
ނަމަވެސް "ސްޓްރޭންޖާ ތިންގްސް" ސީޒަން 4 ގެ ޕްރޮޑަކްޝަން މަސައްކަތް މިހާރު އަލުން ފަށައިފައިވާއިރު، މި ދެ އަހަރެއްހާ ދުވަސް ތެރޭ ނެޓްފްލިކްސް އިން ވަނީ ސީޒަން 4 ގެ ޓީޒާ ޓްރެއިލާތަކެއް ނެރެފައެވެ.
އެގޮތުން މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރި ޓީޒާ ޓްރެއިލާއާއެކު، ހަތަރު ވަނަ ސީޒަން ޕްރީމިއާ ކުރާނީ އަންނަ އަހަރުކަން ރަސްމީ ކޮށް އިއުލާންކޮށްފައިވެއެވެ. މީގެ ކުރިންވެސް ސީޒަން 4 ގެ ޝައުގުވެރި ދެ ޓީޒާއެއް ނެޓްފްލިކްސް އިން ވަނީ ނެރެފައެވެ.
އެގޮތުން މި ސީރީޒްގެ ސީޒަން 3 ނިއްމާލައިފައިވަނީ، ފޭނުންނަށް ވަރަށް ބޮޑު ސަޕްރައިޒެއް ދީފައެވެ. އެއީ ސީރީޒްގެ އެންމެ ލޯބި ލިބިފައިވާ ކެރެކްޓަރ " ޖިމް ހޮޕާ" ގެ މަރުންނެވެ. ނަމަވެސް މީގެ ކުރިން ދައްކާލި ފުރަތަމަ ޓީޒާ ޓްރެއިލާއެއްގައި "ޖިމް" އަދި މަރުނުވާކަން ދައްކައެވެ.
ނަވާރަ ސަތޭކަ އައްޑިހައިގެ ދުވަސްވަރު ދައްކުވައިދޭ މި ސީރީޒްގައި ފެނިގެންދަނީ، “ހޯކިންސް” ނަމަކަށް ކިޔާ ސިޓީއެއްގައި އުމުރުން ހަގު ކުދިންތަކަކަށް ކުރިމަތިވާ ސުޕަރނެޗުރަލް ހާދިސާތަކެކެވެ.