ހއ. ފިއްލަދޫ އިހުތިސޯސުން ދައްޕަރު ވަކިކުރި މައްސަލައިގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން އޮއްބާލަން މަޖިލީހުން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ފިއްލަދޫއާ އެއް ފަޅެއްގައި އޮންނަ ދައްޕަރަކީ ބޮޑު ފަޅުރަށެކެވެ. ފިއްލަދޫގެ އިޙްތިޞާސުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ލިބޭ ބާރުގެ ދަށުން 29 އޮގަސްޓްވީ އާދިއްތަ ދުވަހު ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރުގައި ބުނެފައިވާ ގޮތުން ދައްޕަރު ވަކިކޮށްފައިވަނީ އެރަށުން ފަތުރުވެރިކަމަށް ބިން ދޫކުރުމަށެވެ.
ނަމަވެސް ފިއްލަދޫގެ އިޙުތިޞާސްގެ ދަށުން ދައްޕަރު ވަކިކުރުމާއި ގުޅިގެން ފިއްލަދޫ ކައުންސިލުން ބުނީ، ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރީ ސަރުކާރުން އެކައުންސިލާ މަޝްވަރާ ނުކޮށް ކަމަށެެވެ. އަދި މިކަމާއި ގުޅިގެން ޓްރާންސްޕޭރަންސީ އިންވެސް މީގެ ކުރިން ކަންބޮޑުވުންފާޅުކޮށް، ބުނީ ފިއްލަދޫގެ އިޙުތިޞާސްގެ ދަށުން ދައްޕަރު ވަކިކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ.
މި މައްސަލައިގައި ފިއްލަދޫގެ އިހުތިސޯސްގެ ތެރޭ ދައްޕަރު އަލުން ހިމެނުމަށް ގޮވާލާ އެރަށުގެ 467 މީހުން ޕެޓިޝަނެއްގައި ސޮއިކޮށް މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. އަދި ޕެޓިޝަނާ ގުޅޭގޮތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ގާސިމް ހުށަހެޅީ ޕެޓިޝަނުގައި ހުށަހަޅައި ކަންބޮޑުވުންތަކަށް ހައްލެއް އަންނަންދެން ޕެޓިޝަން ދިރާސާކުރުން ކޮމިޓީން މަޑުޖައްސާލުމަށެވެ.
އެގޮތަށް އޭނާ ހުށަހެޅުއްވި ސަބަބުތަކެއް ކަމަށް ވިދާޅުވީ، ސަރުކާރުން ހިންގާ އިގްތިސާދީ މަޝްރޫއަކާ ގުޅުން ހުރި ޕެޓިޝަނަކަށް ވުމާއި، މަޖިލީހަށް ޕެޓިޝަން ލުމުގެ ކުރިން މެންބަރާއި ރައީސާ ވެސް މަޝްވަރާކޮށްފައި ނުވާތީ ކަމަށެވެ.
މެންބަރު ގާސިމްގެ މި ނިންމުމަށް ތާއިދުކުރައްވާ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވެސް ވިދާޅުވީ، ކޮމެޓީގައި މައްސަލަ އިހަށް މަޑުޖައްސާލުމަށެވެ. އަދި ފިއްލަދޫ ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، މެދުވެރިކޮށް އެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަސައްކަތް ކުރެވިދާނެ ކަމަށެވެ.
މަޖިލީހުގެ ބައެއް މެންބަރުންގެ މި ނިންމުން ބަލައިނުގަންނަ ކަމަށް ބުނެ ޓްރާންސްޕޭރަންސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ރައްޔިތުންނާއި ސީދާ ގުޅިފައިވާ މުހިއްމު މައްސަލަ ތަކުގައި، ރައްޔިތުން ތަމްސީލުކުރުމަށް ހޮވާފައިވާ މެންބަރުންގެ ޒިންމާއަކަށްވާނީ ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ އަޑު އުފުލުން ކަމުގައި ހަނދާންކޮށްދޭ ކަމަށެވެ.
" އެހެންކަމުން، ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަން އޮށްބާލަން ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލުމާއި އެކު، ވެރިކަން ހިންގުމުގެ ބާރު ޒިންމާދާރުކުރުވުމަށް ގޮވާލަންް!" ޓްރާންސްޕޭރަންސީން ބުންޏެވެ.
ދައްޕަރު މައްސަލައިގައި ހުށަހެޅި ޕެޓިޝަންގެ މަޝްވަރާ ބައްދަލުވުމުގައި ފިއްލަދޫ ހިމެނޭ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ފިއްލަދޫ އިހްތިސާސުން ދައްޕަރު ވަކިކުރުމުން، ކަންބޮޑުވުންތައް މީގެ ކުރިން ރައީސާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި ޕެޓިޝަން ހުށަހެޅީ ދައްޕަރު މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް ދީފައިވަނިކޮށް ކަމަށެވެ.
ގުދުރަތީ ގޮތުން އެތައް ވަސީލަތްތަކެއް ލިބިފައިވާ ދައްޕަރަކީ، ފިއްލަދޫ ރައްޔިތުން ވަރަށް ގިނައިން ދަތުރު ގޮސް އުޅޭ ރަށެކެވެ. ފިއްލަދޫ އިހިތިސޯސުން ދައްޕަރު ވަކިކުރީ، އެ ރަށުން ރައްޔިތުންނަށް މަންފާ ވާނެ ގޮތަކަށް މަޝްރޫއުތަކެއް ރާވާފައި ވަނިކޮށްކަމަށް ފިއްލަދޫ ކައުންސިލުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.