ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ކެމްޕޭނާ ދިމާކޮށް ށ ކޮމަންޑޫއާއި އެރަށް އެއްފަޅެއްގައި އޮންނަ މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު ސަރުކާރުން އިއުލާންކުރުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް ބުނެފިއެވެ.
މިކަން ކުށްވެރިކޮށް، މިފަދަ ކަންކަން ހުއްޓާލުމަށް ގޮވާލާ ޓްރާންސްޕޭރެންސީއިން މިއަދު ވަނީ ބޮޑު ބަޔާނެއް ނެރެފިއެވެ.
މި މަހުގެ 5ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް 7 ޖެނުއަރީގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ށ ކޮމަންޑޫއާއި އެރަށް އެއްފަޅެއްގައި އޮންނަ މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އިއުލާންކޮށްފައެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށަން ނިންމާފައިވާކަން ޕްލޭނިން މިނިސްޓްރީން އަންގާފައިވާ ކަމަށް ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާންވަނީ މީޑިއާގައި ހިއްސާކޮށްފައެވެ.
ޓްރާންސްޕޭރެންސީން މިއަދު ބުނީ، ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު، ބައި-އިލެކްޝަން ކެމްޕެއިން ދުވަސްވަރު އަދި ބައި-އިލެކްޝަން ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވުނު ޕާޓީ ޖަލްސާއެއްގައި އިއުލާން ކުރުމާއި އެކު މިމަޝްރޫއުގައި ފާހަގަކުރެވޭ މައްސަލަތަކެއް އެބަހުރި ކަމަށެވެ.
ޓްރާންސްޕޭރެންސީން ފާހަގަކުރި މައްސަލަތައް:
- ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަށާ، އިއުލާނުކޮށް، އިފްތިތާހުކު މަށް ޖަލްސާ ބޭއްވުންފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މިފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން، އިންތިހާބުގެ ނަޒާހާތްތެރި ކަމާއިމެދު ސުވާލު އުފެދި، ރައްޔިތުންގެ އިތުބާރު ކުޑަވެ، މިނިވަންކަމާ ހަމަހަމަކަމާއެކު ކެންޑިޑޭޓެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ހަނިވުން
- 2022 ވަނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި މި މަޝްރޫއުއަށް ބަޖެޓެއް ކަނޑައަޅާފައި ނުވުން އަދި މަޝްރޫއުއަށް ފައިސާ ހޯދުމަށް ކަނޑައެޅިފައިވާ ގޮތުގެ ތަފްސީލެއް ރައްޔިތުންނާ ހިއްސާކޮށްފައި ނުވު
- މިފަފަ ބިން ހިއްކުމުގެ މަޝްރޫއެއް ފެނުމުގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ހުށަހަޅަންޖެހޭ މައުލޫމާތުތައް ހުށަހަޅައި އެ އިދާރާއިން ހޯދަންޖެހޭ ހުއްދަތައް ހޯދައި، އަދި "ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ "2012" އާ އެއްގޮތްވާގޮތުގެ މަތިން ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދާފައި ނުވުން އަދި 14 ޖަނަވަރީ 2012 ގައި މި މަޝްރޫއު ފަށަން ހަމަޖެހިފައިވާއިރު، އަވަސް އަރުވާލައިގެން ހަދާ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަކުން މި މަޝްރޫއުއިން ލިބޭނެ ގެއްލުންތަކާއި ކުރާނެ އަސަރުތައް އެންމެ ރަނގަޅުގޮތުގައި ދިރާސާކޮށް ދެނެގަތުމަކީ ކުރެވޭނެ ކަމަކަށް ނުވުން
- ތަރައްގީގެ މަޝްރޫއުތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ފަށަންވާނީ މަޝްރޫއުގެ ޕްލޭންނިންގ މަރުހަލާގައިކަމަށްވާއިރު، މި މަޝްރޫއުއާއި މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކޮމަންޑޫ ކައުންސިލުން ފަށާފައި ވަނީ 11 ޖަނަވަރީގައި. މިއީ މި މަޝްރޫއުފެށުމަށް ހަމަޖެހިފައިވާ ތާރީހުގެ 3 ދުވަސްކުރިންކަމަށް ވާތީ، ރައްޔިތުންގެ ހިޔާލުހޯދާ ރައްޔިތުންގެ ފުރިހަމަ މައުނަވީ ބައިވެރިވުން ނެތުމާއި އެކަން ކަށަވަރު ކުރުމުގެ ސިޔާސީ އަދި އިދާރީ ނިޔަތެއް ނެތުން
- ސަރުކާރުން ހިންގާ މަޝްރޫއުތައް ދެފުށްފެންނަ ސިޔާސަތެއްގެ ތެރެއިން ކުރިއަށް ގެންދިއުމާއި އެކު، މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް މަގުފަހިކުރުމަށް ފަރުމާކުރެވިފައިވާ "މައިލްސް" ވެބްސައިޓުގައި ށ. ކޮމަންޑޫގައި 2020 ގައި ހިންގުމަށް ހަމަޖެހިފައިވާ 10 ޕްރޮޖެކްޓުގެ ތެރޭގައި ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު ހިމެނިފައި ނުވުން
- ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އަވަސް މުއްދަތެއްގައި ފަށަން އިއުލާންކޮށްފައިވާއިރު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވެބްސައިޓުން ކޮމަންޑޫގައި ހިންގާ މަޝްރޫއުތަކުގެ ތެރޭގައި މި މަޝްރޫއު ހިމެނިފައި ނުވުން
- މިނިސްޓްރީ އޮފް ފައިނޭންސްގެ ވެބްސައިޓުގައި އެވޯޑު ކޮށްފައިވާ އަދި ޓެންޑަރއަށް ހުޅުވާލެވިފައިވާ މަޝްރޫއުތަކުގެ ލިސްޓުގައި ކޮމުންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ މައުލޫމާތު ހިމެނިފައިނުވުން
- ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައި ނުވުން
ޓްރާންސްޕޭރެންސީގެ ގޮވާލުންތައް:
- ދައުލަތުގެ ތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުން އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މަނާ ކުރާ ގާނޫނެއް އެކުލަވާލުމާއިއެކު، އެގާނޫނު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ފުރިހަމައަށް ތަންފީޒުކުރަން
ފެށުން - އިންތިހާބުތަކާއި ގުޅުވައިގެން ތަރައްގީގެ މަޝްރޫއުތައް އިއުލާނުކޮށް އިފްތިތާހުކޮށް، ރައްޔިތުންގެ ވޯޓަށް ބާރުފޯރުވުން ހުއްޓާލުން
- ތަރައްގީގެ މަޝްރޫޢުތައް ރޭވިގެން އަންނައިރު ރައްޔިތުންގެ ފުރިހަމަ އަދި މައުނަވީ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހިންގުން އަދި އެފަދަ މަޝްރޫއުތަކަކީ ދިގު ރާސްތާގެ ޕްލޭނެއްގެ ދަށުން ހިންގޭ މަޝްރޫއުތަކެއްކަން ކަށަވަރުކުރުމުގެ އިތުރުން، އެ މަޝްރޫއުތައް ހިންގެނީ އެންމެ ބޭނުންޖެހިފައިވާ ކަންކަންކަމަށާއި ސަރަހައްދުތަކަށްކަން ކަށަވަރުކުރުން
- ތަރައްގީގެ މަޝްރޫއުތައް ހިންގަންފެށުމުގެ ކުރިން، ތިމާވެށްޓަށް ކުރާ އަސަރު ބެލުމުގެ އިތުރުން، މަޝްރޫއުގެ ސަބަބުން ނުކުންނާނެ އިޖުތިމާއީ އަދި އިގްތިސާދީ އަސަރުތައް ފުރިހަމައަށް ދިރާސާކޮށް ރިޕޯޓެއް ހަދައި އެއަށް ފުރިހަމައަށް އަމަލުކޮށް، ތިމާވެށްޓަށް އަސަރުފޯރާނެ ކަންކަން ކުޑަކުރަން ފިޔަވަޅު އަޅާކަން ކަށަވަރުކުރުން
- އިލެކްޝަންސް ކޮމިޝަން، އެންޓި-ކޮރަޕްޝަން ކޮމިޝަން، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ދިވެހި ފުލުހުންގެ ހިދުމަތް ފަދަ ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތައް ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުން