ޖާބިރަށް ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މީހުން ދޫކޮށްލައިފި

މިދިޔަ މަހުގެ 21 ވަނަ ދުވަހު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިން ވަޑައިގަތުމުން އޭނާއާ ދެކޮޅަށް ރައްޔިތުން ނިކުމެ ހިންގި އިހުތިޖާޖުގައި އޭނާއަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުން  ދޫކޮށްލައިފިއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ވީ އެ ދެ މީހުންގެ ބަންދަށް ޖެހި ހަތް ދުވަހުގެ މުއްދަތު ހަމަވުމުން ދެ މީހުން ވެސް ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލައިގައި ރައްޔިތުން މަޖިލިސް ޖަލްސާގައި ޖާބިރު ވަނީ، މަތިވެރީގައި ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން އުޅޭކަމަށް ތުހުމަތުކޮށްފައެވެ.

ޖާބިރު އަންނަނީ މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސްގެ ވިޔަފާރިއެއް ހިންގަމުންނެވެ. އެހެންކަމުން އެރަށް ޖާބިރު ވަރަށް ގިނައިން ވަޑައިގަންނަވާކަމަށް ވެއެވެ.

މަތިވެރީގައި އައިސިސް މީހުން އުޅޭކަމަށް ޖާބިރު ބުނުމުން،  މަތިވެރީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޖާބިރުގެ ބަހުރުވަ އާއި އިންޒާރު ދިވެހިންނަށް އާ ނޫން ކަމަށާއި، އެފަދ އަދަބީ ބަސްތަކާއި ޢަމަލުތަކަށް ފަސްޖެހި ރަށުގެ ރައްޔިތުންނާއި  ކައުންސިލަށް ދަރާފައިވާ ދަރަންޏަށް ކުޑަވެސް ލުޔެއް ނުދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

މަތިވެރި ކައުންސިލުން ވިދާޅުވިގޮތުގައި، ޓޫރިސްޓް ވިޔަފާރިއެއް ކުރުމަށްޓަކައި ޖާބިރު ކުއްޔަށް ނަންގަވާފައިވާ އެރަށު ދެކުނު ފަރާތު އަތިރިމަތީގެ ބިމު ކުލީގެ ޖޫރިމަނާގެ ގޮތުގައި އޭނާ ކައުންސިލަށް 4.7 މިލިއަން ރުފިޔާ ދައްކަވަން ޖެހެއެވެ. އަދި އެ ފައިސާ ދައްކަން އަންގާފައި އޮތީ މިދިޔަ މަހުގެ ނިޔަލަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ