މި މަހުގެ 21 ވަނަ ދުވަހު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިން ވަޑައިގަތުމުން އޭނާއާ ދެކޮޅަށް ރައްޔިތުން ނިކުމެ ހިންގި އިހުތިޖާޖުގައި އޭނާއަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ މަތިވެރިން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އޭނާއާ ދެކޮޅަށް ރައްޔިތުން ނިކުމެ އަޑުއުފުލާ އިހުތިޖާޖު ކޮށްފައިވާއިރު، ޖާބިރު ވަނީ ފުލުހުންގެ ހިމާޔަތް އެ ދުވަހު ހޯދައިފައެވެ.
މި މައްސަލައިގައި އޭގެ އަނެއް ދުވަހު އޮތް ރައްޔިތުން މަޖިލިސް ޖަލްސާގައި ޖާބިރު ވަނީ، މަތިވެރީގައި ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން އުޅޭކަމަށް ތުހުމަތުކޮށްފައެވެ.
ޖާބިރު އަންނަނީ މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސްގެ ވިޔަފާރިއެއް ހިންގަމުންނެވެ. އެހެންކަމުން އެރަށް ޖާބިރު ވަރަށް ގިނައިން ވަޑައިގަންނަވާކަމަށް ވެއެވެ.
މަތިވެރީގައި އައިސިސް މީހުން އުޅޭކަމަށް ޖާބިރު ބުނުމުން، މަތިވެރީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޖާބިރުގެ ބަހުރުވަ އާއި އިންޒާރު ދިވެހިންނަށް އާ ނޫން ކަމަށާއި، އެފަދ އަދަބީ ބަސްތަކާއި ޢަމަލުތަކަށް ފަސްޖެހި ރަށުގެ ރައްޔިތުންނާއި ކައުންސިލަށް ދަރާފައިވާ ދަރަންޏަށް ކުޑަވެސް ލުޔެއް ނުދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.
މަތިވެރި ކައުންސިލުން ވިދާޅުވިގޮތުގައި، ޓޫރިސްޓް ވިޔަފާރިއެއް ކުރުމަށްޓަކައި ޖާބިރު ކުއްޔަށް ނަންގަވާފައިވާ އެރަށު ދެކުނު ފަރާތު އަތިރިމަތީގެ ބިމު ކުލީގެ ޖޫރިމަނާގެ ގޮތުގައި އޭނާ ކައުންސިލަށް 4.7 މިލިއަން ރުފިޔާ ދައްކަވަން ޖެހެއެވެ. އަދި އެ ފައިސާ ދައްކަން އަންގާފައި އޮތީ މިދިޔަ މަހުގެ ނިޔަލަށެވެ.





ހިޔާލު
މައްސަލައަކަށްވެގެން މިއުޅެނީ ރައްޔިތުންގެ ބިން ކުއްޔަށްހިފައި އެބިމަށް ދައްކަން ޖެހޭ ކުލި ނުދައްކާ އޮންނަމުން އައިސް 4.7 މިލިއަން ރުފިޔާއަށް އިތުރުވުމުން އެފައިސާ ހޯދައި ދިނުމުގެ ބަދަލުގައި އެފައިސާ ދިނުމަށް ބާރު އަޅާ އަޑު އުފުލާ ރައްޔިތުން ހައްޔަރުކުރާތީއެވެ.