ހ. ކަވަލް ކިޔާ ގޭއެއްގެ 9 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މިހާދިސާގައި އެ އިމާރާތުގެ 9 ވަނަ ފަންގިފިލާގައި ހުރި ބަދިގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ. އަދި އަލިފާން ރޯވާން މެދިވެރިވެފައި ވަނީ ބަދިގޭގައި ބޭނުންކުރި ހުޑަށް ދިމާވި އިލެކްޓްރިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުގެ ފަޔަރމަނުން އަލިފާން ރޯވި ގެއަށް ދިޔައިރު އަލިފާންގަނޑު ވަނީ ނިއްވާލައިފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވއެވެ.
މިހާދިސާގެ ރިޕޯޓް އެފްއާރުއެސްއަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:47 ހާއިރުއެވެ.



