ފިއްލަދޫއާ އެއްފަޅެއްގައި އޮންނަ ފަޅު ރަށް، ދައްޕަރު-- ފޮޓޯ: އާދުގްރަފީ/ފޭސްބުކް

ދައްޕަރު، ފިއްލަދޫ އިހްތިސޯސުގައި އަލުން ހިމަނަން ނިންމައިފި

ހއ. ފިއްލަދޫއާއި އެއް ބިމެއްގައި އޮތް ފަޅުރަށް ކަމުގައިވާ ދައްޕަރު ފިއްލަދޫ އިހްތިސޯސުން ވަކިކުރިން ނިންމުން ބާތިލުކޮށް، އަނެއްކާވެސް ދައްޕަރު ފިއްލަދޫ އިހްތިސޯސުގައި ހިމަނައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިހުތިޞާސްގެ ދަށުން ނެގި މައްސަލައިގައި ކައުންސިލާއެކު މަޝްވަރާތަކެއް ކުރިއަށްގެންދެވިފައިވާ ކަމަށެވެ. އަދި ފިއްލަދޫ ރައްޔިތުން މިކަމުގައި ދެކޭގޮތް  އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.

އަދި އެ މަޝްވަރާ ބައްދަލުވުންތަކަށްފަހު ދައްޕަރު އަލުން ފިއްލަދޫ ކައުންސިލްގެ އިހުތިޞާސްގެ ދަށަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުކަމަށް ނިންމަވައިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފިއްލަދޫއާ އެއް ފަޅެއްގައި އޮންނަ ދައްޕަރަކީ ބޮޑު ފަޅުރަށެކެވެ. ފިއްލަދޫގެ އިޙްތިޞާސުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ލިބޭ ބާރުގެ ދަށުން 29 އޮގަސްޓްވީ އާދިއްތަ ދުވަހު ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރުގައި ބުނެފައިވާ ގޮތުން ދައްޕަރު ވަކިކޮށްފައިވަނީ އެރަށުން ފަތުރުވެރިކަމަށް ބިން ދޫކުރުމަށެވެ.

ނަމަވެސް ފިއްލަދޫގެ އިޙުތިޞާސްގެ ދަށުން ދައްޕަރު ވަކިކުރުމާއި ގުޅިގެން ފިއްލަދޫ ކައުންސިލުން ބުނީ، ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރީ ސަރުކާރުން އެކައުންސިލާ މަޝްވަރާ ނުކޮށް ކަމަށެެވެ. އަދި މިކަމާއި ގުޅިގެން ޓްރާންސްޕޭރަންސީ އިންވެސް މީގެ ކުރިން ކަންބޮޑުވުންފާޅުކޮށް، ބުނީ ފިއްލަދޫގެ އިޙުތިޞާސްގެ ދަށުން ދައްޕަރު ވަކިކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި މި މައްސަލައިގައި ފިއްލަދޫގެ އިހުތިސޯސްގެ ތެރޭ ދައްޕަރު އަލުން ހިމެނުމަށް ގޮވާލާ އެރަށުގެ 467 މީހުން ޕެޓިޝަނެއްގައި ސޮއިކޮށް މަޖިލީހަށްވެސް ހުށަހެޅިއެވެ.

މި މައްސަލައިގައި މަބްރޫކް ކުރިން ވިދާޅުވީ، ދައްޕަރުގެ މައްސަލައިގަިއ ރައްޔިތުންގެ ވިސްނުމާއި ސަރުކާރުން ދެކޮޅު ނުހައްދަވާނެ ކަމަށެވެ. އެހެންކަމުން ދައްޕަރު ފިއްލަދޫ އިހްތިސާސްގައި ހިމަނަން ރައީސް އަލުން ނިންމަވައިފައި މިވަނީ ފިއްލަދޫ ކައުންސިލާއި އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ