އެންމެ ކުޑަ އުޖޫރަ ކަނޑައަޅައިފި!

ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ގެނެވުނު 6 ވަނަ އިޞްލާޙާއެކު، އެކުލަވާލެވުނު މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ދިވެހިރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައެއް ކަނޑައަޅައިފިއެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ވިދާޅުވީ، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައެއް ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި މިނިމަމް ވޭޖް ކަނޑައެޅުމަށް މިނިސްޓަރަށް ލަފާ އެރުވުމަށް ކުރަމުން އައި މަސައްކަތްތައް ނިންމައި، 4 އޮކްޓޫބަރު 2021 ގައި މިނިމަމް ވޭޖާ ގުޅޭގޮތުން ބޯޑުން މިނިސްޓަރަށް ދޭ ލަފާ ވަނީ ފާސްކޮށްފައި ކަމަށެވެ. އަދި އެންމެ އެކަށޭނެ މިނިމަމް ވޭޖެއް ކަނޑައެޅުމަށް ބޯޑުން ވަނީ މުހިއްމު ގިނަ ނިންމުންތަކެއް ނިންމައިފައެވެ.

  • ޕްރައިވެޓް ސެކްޓަރ:

އެންމެ ކުދި ވިޔަފާރި

އެންމެ ކުދި ނުވަތަ 'މައިކްރޯ' ވިޔަފާރިތަކަށް ވަކި މިނިމަމް ވޭޖެއް ކަނޑައެއް ނާޅައެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ބުނީ މިގޮތަށް ނިންމ،ީ މިއީ މި ފަންތީގައި ގިނައިން ހަރަކާތްތެރި ވަނީ އާއިލީ ކުދި ވިޔަފާރި ކަމަށް ވެފާ، ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ފުރިހަމަ މަންޒަރު ނޭނގޭ ހިނދު، އަދި ލިބިފައިހުރި މަޢުލޫމާތަށާ
މީރާ ރިޕޯޓް ތަކުން ދޭހަވާ މާލީ ޙާލަތަށް ރިޢާއަތްކޮށް މިވަގުތަށް ރަނގަޅުގޮތް ކަމަށް ފެންނާތީ ކަމަށެވެ.

ކުދި ވިޔަފާރިތައް

ދިގު އިންތިޒާރީއަކަށްފަހު ބޯޑުން ނިންމި ނިންމުމުގައި ބުނާގޮތުން ރާއްޖޭގައި ދެވޭ އެންމެ ކުޑަ މުސާރައިގެ ގޮތުގައި 5،700ރ. ބޯޑުން ވަނީ ކަނޑައަޅައިފައެވެ. މިއީ ރާއްޖޭގައި އެންމެ ކުޑަކޮށް ދެވޭނެ މުސާރަ އެވެ. އަދި މިއީ ކުދި ވިޔަފާރިތަކަށް ދުވާލަކު އަށް ގަޑިއިރަށް 24.04 މަގުން މަހަކު ދޭން ޖެހޭ މުސާރަ އެވެ.

މި އަދަދާ ހަމައަށް ވާސިލުވެފައިވަނީ މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކުގެ މާލީ ހާލަތުގައި ހުރި ފަރަގަށް ރިޢާޔަތްކޮށް މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައެޅޭ ރޭޓަށް ވުރެ ކުޑަ ރޭޓެއް ކަނޑައެޅުމަށް ފެންނާތީ ކަމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ބުނެފައިވެއެވެ.

މެދު ފަންތީގެ ވިޔަފާރިތައް

މެދު ފަންތީގެ ނުވަތަ 'މީޑިއަމް' ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ގަޑި އިރަކަށް 33.65 ރުފިޔާއެވެ. އަދި މި އަދަދަކީ ޕަބްލިކް ސެކްޓަރަށް ދޭން ކަނޑައަޅާފައިވާ ރޭޓެވެ.

އެއީ ދުވާލަކު އަށް ގަޑި އިރު މަސައްކަތްކުރާ ނަމަ މަހަކަށް 8،000ރ. އެވެ.

ބޮޑެތި ވިޔަފާރިތައް

އެސް.އެމް.އީ ކްލެސިފިކޭޝަން އަށް ނުފެތޭ ބޮޑެތި ނުވަތަ ލާރޖް' ވިޔަފާރިތަކަށް މިނިމަމް ވޭޖެގެ ގޮތުގައި ކަނޑައަޅައިފައިވަނީ ގަޑި އިރަކަށް 42.79 ރުފިޔާއެވެ. މިއީ މަހެއްގެ މައްޗަށް ބަލާ ނަމަ 10،200ރ. އެވެ.

މިއީ ވަޒީފާ އަދާކުރާ ފަރާތާއި އޭނާގެ އާއިލާގެ ޒަރޫރީ ބޭނުންތަކުގެ މިންގަނޑުގެ ދަށުން އެންމެ އެކަށީގެންވާ ކަމަށް ބޯޑުން ކަނޑައަޅާފައިވާ ނުވަތަ "އޮޕްޓިމަމް' ޚަރަދުތަކުގެ ގޮތުގައި ކަނޑައެޅިގެން ދިޔަ ޚަރަދުތައް ވަޒީފާ އަދާކުރާ 2 މީހުން ހިއްސާވާ ގޭބިސީއަކުން ބޭނުންވާނެ ޢަދަދުކަމަށް ކަނޑައެޅިގެން ދިޔަ ޢަދަދަށް ވާ ރޭޓު ކަމަށް ބޯޑުން ވަނީ ބުނެފައެވެ.

  •  ޕަބްލިކް ސެކްޓަރ (ސިވިލް ސާވެންޓުން)

ޕަބްލިކް ސެކްޓަރުގައި ދުވާލަކު މަދުވެގެން 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުއައްޒަފުންގެ މިނިމަމް ވޭޖަކީ މަހަކު 7000 ރުފިޔާ އެވެ. ނަމަވެސް 6 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް މިނިމަމް ވޭޖްގެ ގޮތުގައި ޕަބްލިކް ސެކްޓަރަށް ކަނޑައަޅާނީ ގަޑި އިރަކަށް 33.65 ރުފިޔާއެވެ.

މިއަދަދު ކަނޑައަޅާފައި ވަނީ މިހާރު ޕަބްލިކް ސެކްޓަރު މަސައްކަތްކުރާ މަދު ގަޑިއަށް ބަލާފައި ޕަބްލިކް ސެކްޓަރަށް ހާއްސަކޮށް، ހެޔޮބަދަލެއް ގެނައުމަށް ކަމަށް އެޑްވައިޒަރީ ބޯޑުން ވަނީ ބުނެފައެވެ. އަދި މިގޮތަށް ކަނޑައެޅުމުގެ ބޭނުމަކީ ޕްރައިވެޓް ސެކްޓަރު ޕަބްލިކް ސެކްޓަރާ މިހާރު ހުރި މަސައްކަތު ގަޑީގެ ތަފާތުތަށް ކުޑަ ކުރުމަށްޓަކައި ޕަބްލިކް ސެކްޓަރުގައި މިހާރު މަސައްކަތްކުރާ ގަޑިތަށް ޕްރައިވެޓް ސެކްޓަރާ އެއްގޮތް ކުރަން ކަމަށް ބޯޑުން ވަނީ ބުނެފައެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިތުރަށް ބުނީ އެހެން ހުރިހާ ވަޒީފާ ތަކެއްގައި މިނިމަމް ވޭޖް ކަނޑައަޅާނީ ޕްރައިވެޓް ސެކްޓަރަށް ކަނޑައެޅި ބީދައިން، އެހެންނަމަވެސް ހަމައެކަނި
މުވައްޒަފުންގެ ޢަދަދަށް ބިނާކޮށް އެތަނެއް ނިސްބަތްވާ ވިޔާފާރީގެ ފަންތި (ކުދި، މެދު، ނުވަތަ ބޮޑު) އަށް ކަނޑައަޅާފައިވާ ރޭޓުންކަމަށެވެ.

މި މުހިއްމު ނިންމުންތަކުގެ އިތުރަށް ބޯޑުން ބުނީީ، ރާއްޖޭގައި ބިދޭސީންނަށް ދެވޭނެ އެންމެ ދަށް މުސާރަ ކަނޑަ ނާޅާކަމަށެވެ. މިނިމަމް ވޭޖް ބޯޑުން ނިންމާފައިވާ ނިންމުމުގައި ވަނީ،  ބިދޭސީން މިނިމަމް ވޭޖްގެ އުސޫލަށް އަމަލުކުރަން ފަށާނީ ފަސް އަހަރު ފަހުން ކަމަށެވެ. ގާނޫނުގައި ކުރިން އޮތް ގޮތުން ބިދޭސީންނަށް މިނިމަމް ވޭޖަށް އަމަލުކުރަން ޖެހޭނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާތާ ދެ އަހަރު ފަހުންނެވެ.

އެނގުން މުހިއްމު!

ބޯޑުން ކަނޑައަޅައި ފާސްކުރާން ފޮނުވާފައިވާ މިނިމަމް ވޭޖްގައި އަސާސީ މުސާރައިގެ އިތުރުން މުވައްޒަފުންގެ މަޤާމަށް ކަނޑައަޅާފައިވާ 'ފިކްސްޑް އެލަވަންސް' ހިމެނޭނެއެވެ.

) މަގާމުގެ "އަސާސީ މުސާރަ" އަކީ ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގައިވާ "ޕެންޝަނަބަލް ވޭޖް" އެވެ. "ފިކްސްޑް އެލަވަންސް" އަކީ މަގާމަށް ކަނޑައަޅާފައިވާ އަސާސީ މުސާރައާއެކުގައި، މަހުންމަހަށް އެއްވެސް އުނި އިތުރެއް ނާންނަގޮތަށް ދެވޭ، ޤާނޫނަކުން ނުވަތަ ގަވައިދަކުން ބަޔާންކުރާ އަޚުލާގީ މައްސަލައަކުން މެނުވީ އުނިކަމެށް ނާންނާނެ ގޮތެއްގެ މަތިން ދެވޭ، މަގާމަށް ކަނޑައަޅާފައިވާ ފިކްސްޑް ފައިސާގެ ޢިނާޔަތްތަކެވެ. މިފަދަ ފިކްސްޑް ފައިސާގެ އިނާޔަތްތަކުގެ ތެރޭގައި ހާލަތަށް ރިޢާޔަތްކޮށް ނުވަތަ ވަކި މަސްއޫލިއްޔަތެއް އަދާކުރުމުގެ ގޮތުން އެކިމަސްމަހު އެކިމިންވަރަށް ދެވޭ އެލަވަންސްތަކާއި އިތުރުގަޑީގައި ނުވަތަ ބަންދު ދުވަސްދުވަހު މަސައްކަތްކުރުމުން ދެވޭ ޢިނާޔަތްތަކާއި އަހަރު ތެރޭ ވަކި ދުވަސްވަރެއްގައި ދެވޭ އެލަވަންސްތަކާއި ބޯނަސްގެ ގޮތުގައި ދެވޭ ޢިނާޔަތްތަކާއި
ސާރވިސް ޗާރޖް ފަދަ ޢިނާޔަތްތައް ނުހިމެނޭނެއެވެ.

މިނިމަމް ވޭޖުގައި އެއްވެސް އިން-ކައިންޑް ބެނިފިޓެއް' ނުހިމެނޭނެއެވެ. މީގެ އިތުރުން، ވަޒީފާދޭ ފަރާތުން އެއްވެސް ސިފައެއްގައި ކެއުމާއި ހުރުން ހަމަޖައްސައިދީފައިވާ ހާލަތެއްގައި، އެއިން ކަމަކަށް ހޭދަވާނެ މިންވަރު ފައިސާގެގޮތުން ހިސާބުކޮށް މިނިމަމް ވޭޖްގެ ތެރޭގައި ހިމަނައިގެން ނުވާނެއެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ މުވައްޒަފުން މަސައްކަތްކުރާ ކޮންމެ ގަޑި އިރަކަށް ޖެހޭ މިންވަރު ބަލައިގެންނެވެ. އެގޮތުން މިގޮތުން ގަޑިއިރަކަށް ޖެހޭ ޢަދަދުން މިނިމަމް ވޭޖް ކަނޑައަޅާފައި ހުރި ވަޒީފާތަކުގައި، އިތުރު ގަޑީގެ މަސައްކަތަށް ޤާނޫނުން ނުވަތަ ޤަވައިދުން ހައްގުވާ ގަޑިއިރަކަށް ޖެހޭ މިންވަރު މިނިމަމް ވޭޖުގެ ގަޑިއިރަކަށް ޖެހޭ މިންވަރަށް ވުރެން ދަންނަމަ، އިތުރުގަޑީގެ އުޖޫރަ އެންމެ ދަށްވެގެން މިނިމަމް ވޭޖުގެ ގަޑިއިރަކަށް ޖެހޭ މިންވަރަށް ދޭން ޖެހޭނެއެވެ.

އެންމެ ކުޑަ އުޖޫރައެއް ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވަޢުދުފުޅެކެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ