މިފެށުނު ބަރަކާތްތެރި ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު އިކޮނޮމިކް މިނިސްޓްރީން ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޚިދުމަތްތައް ފޯރުކޯށްދޭނެ ގަޑިތައް ކަނޑައަޅައި އާންމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ އެ މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތައް، މި ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށްކަމަށެވެ.
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޚިދުމަތްތައް ކުރިޔަށްގެންދާނެ ގޮތުގެ ޗާޓަރ އެއް އެ މިނިސްޓްރީން ވަނީ އާންމު ކޮށްފައެވެ.
އެ މިނިސްޓްރީން ވިދާޅުވީ އޮންލައިން ވިޔަފާރި ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދޭނީ https://business.egov.mv މި ލިންކް މެދުވެރިކޮށްކަމަށާއި، އެ މިނިސްޓްރީއަށް ލިޔެކިޔުމުގެ އަސްލު ހުށަހަޅަންޖެހޭ ޚިދުމަތްތަކަށް އެޕޮއިންޓްމަންޓް އުސޫލުން ޚިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ.
މީގެ އިތުރުން ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 14:00 އަށް އިކޮނޮމިކް މިނިސްޓްރީގެ ލައިވް ޗެޓް އަދި ކޯލްސެންޓަރ 1691 މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމުގައިވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.




