ޑަބްލިއުއެޗްއޯ އިން މެލޭރިއާ ވެކްސިނަށް ފުރަތަމަ ފަހަރަށް ހުއްދަ ދީފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

މަދިރީގެ ޒަރިއްޔާއިން ފެތުރޭ މެލޭރިއާ ބަލިން ދިފާއުވުމަށް ޖަހާ ވެކްސިނެއް ބޭނުންކުރަން ފުރަތަމަ ފަހަރަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހުއްދަ ދީފިއެވެ.

ދުނިޔޭގައި ފުރަތަމަ ފަހަރަށް މެލޭރިއާއިން ދިފާއުވުމަށް ވެކްސިން ޖަހަން ޑަބްލިއުއެޗްއޯ އިން ހުއްދަ ދީފައިވަނީ، މި ބަލި އެންމެ ގިނައިން ފެތުރެމުންދާ އަދި މި ބަލީގައި މަރުވާ އެފްރިކާ ބައްރުގެ ސަރަހައްދުގެ އިތުރުން ބަލި ހަލުވި މިނުގައި ފެތުރޭ އެހެން ގައުމުތަކަށެވެ.

މެލޭރިއާ ޖެހިގެން މަރުވާ މީހުންގެ 90 ޕަސެންޓު ނިސްބަތްވަނީ އެފްރިކާ އަށެވެ. އަދި އެފްރިކާގައި ވެސް އެންމެ ގިނައިން މަރުވަނީ ކުޑަކުދިންނެވެ.

މެލޭރިއާއިން ދިފާއުވުމަށް ހުއްދަދިން މި ވެކްސިނަކީ އިނގިރޭސިވިލާތުގެ ފާމަސޫޓިކަލް ކުންފުންޏެއްކަމުގައިވާ ގްލެކްސޯސްމިތްކްލައިން(ޖީއެސްކޭ)އިން އުފެއްދި ވެކްސިނެކެވެ. މި ވެކްސިންގެ ނަމަކީ "އާރްޓީއެސް،އެސް" މެލޭރިއާ ވެކްސިނެވެ.

މި ވެކްސިން ކުޑަކުދިންގެ ގަޔަށް ޖެހުމަށް ޑަބްލިއުއެޗްއޯ އިން ބާރު އަޅާއިރު، މިއީ ހަތަރު ޑޯޒުން ފުރިހަމަވާ ވެކްސިނެކެވެ. ފުރަތަމަ ތިން ޑޯޒު ޖަހަނީ ކުއްޖާގެ އުމުރުން ފަސް މަހާއި ހަ މަހާއި ހަތް މަހުގައެވެ. އަދި އެންމެ ފަހު ޑޯޒު ދެނީ އުމުރުން 18 މަހުގައެވެ.

މި ވެކްސިން އުފެއްދި ގްލެކްސޯސްމިތް ކްލައިން ކުންފުނިން ބުނީ، މި ވެކްސިންގެ ސަބަބުން މެލޭރިއާގެ ކޭސްތައް ދަށްކުރެވި، ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ މިންވަރުވެސް ދަށްކުރެވޭނެއެވެ. އަދި މި ބަލީގައި މަރުވާ މީހުންގެ އަދަދު 70 އިންސައްތައަށް ދަށްކުރެވޭނެކަމަށްވެސް އެ ކުންފުނިން ލަފާކޮށްފައިވެއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދެނޮމް ވިދާޅުވީ، މި ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވަނީ އެފްރިކާގެ ގާނާއާއި ކެންޔާ އަދި މަލާވީ ގައި ކުރިއަށްދާ ޕައިލޮޓް ޕްރޮގްރާމްގެ ނަތީޖާއަސް ބަލައިފައި ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން 800000 އަށްވުރެ ގިނަ ކުޑަކުދިން ބައިވެރިވެފައިވާ ކަމަށެވެ.

ޓެޑްރޯސް ފާހަގަކުރި ގޮތުގައި މި ވެކްސިން ޖެހުމުގެ ހުއްދަ ދެވުމާއެކު މިއީ ތާރީހުގައި ލިޔެވިގެންދާނެ ދުވަހެކެވެ. އެގޮތުން މި ވެކްސިނަކީ ސައިންސަށާއި، ކުޑަކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށް އަދި މެލޭރިއާ ކޮންޓްރޯލު ކުރުމަށް ލިބިގެންދިޔަ ބޮޑުކުރިއެރުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެލޭރިއާ އަކީ މިހާރު ދުނިޔޭގައި ފެތުރެމުން އަންނަ އެންމެ ގިނަ ދުވަސްވީ ބައްޔެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެލޭރިއާ ޖެހިގެން ހަތަރު ލައްކައަށްވުރެ ގިނަ މީހުން ކޮންމެ އަހަރު ދުނިޔެއިން މަރުވެއެވެ. އަދި އޭގެ ތެރެއިން 260،000 އަކީ އެފްރިކާއަސް ނިސްބަތްވާ ކުޑަކުދިންނެވެ.

ތަޖުރިބާ ކާރުން ޤަބޫލުކުރާ ގޮތުގައި މި ވެކްސިނާއެކު ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި މެލޭރިއާޖެހިގެން މަރުވާ މީހުންގެ އަދަދު ބޮޑުތަކުން ދަށްކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
1 ދުވަސްކުރިން