މެލޭރިއާ ވެކްސިނަކީ މުޅި ދުނިޔެއަސް ލިބުނު ބޮޑު ހަދިޔާއެއް ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދެނޮމް ވިދާޅުވެއްޖެއެވެ.
ޓެޑްރޯސް މިހެން ވިދާޅުވެފައި މިވަނީ، މަދިރީގެ ޒަރިއްޔާއިން ފެތުރޭ މެލޭރިއާ ބަލިން ދިފާއުވުމަށް ޖަހާ ވެކްސިނެއް ބޭނުންކުރަން ފުރަތަމަ ފަހަރަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހުއްދަދީފައިވާ ކަން އިއުލާންކޮށް، އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައެވެ.
ޓެޑްރޯސް ވިދާޅުވީ، މެލޭރިއާ ބަލި ދިރާސާކުރި މީހެއްގެ ހައިސިއްތުން އޭނަގެ ކެރިއާ ފެށިއިރު، މި ބަލިން ދިފާއުވެވޭނެ ވެކްސިނެެއް ލިބޭނެ ދުވަހަކަށް އިންތިޒާރުކުރަމުން އައި ކަމަށެވެ.
"މިއަދަކީ އެ ދުވަސް، އަދި މިވަގުތުކޮޅަކީ ވަރަށް ތާރީހީ ވަގުތުކޮޅެއް" ޓެޑްރޯސް ވިދާޅުވިއެވެ.
ޓެޑްރޯސް އިތުރަށް ވިދާޅުވީ މި ވެކްސިނަކީ ސައިންސަށާއި، ކުޑަކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށް އަދި މެލޭރިއާ ކޮންޓްރޯލު ކުރުމަށް ލިބިގެންދިޔަ ބޮޑުކުރިއެރުމެއް ކަމަށެވެ.
"..އަދި މިއީ ދުނިޔެއަށް ލިބިގެންދިޔަ ހަދިޔާއެއް" ޓެޑްރޯސްގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.
ޓެޑްރޯސް ވިދާޅުވީ، މި ވެކްސިންގެ ބޭނުން ބޭނުން އެންމެ ޖެހޭނީ އެފްރިކާ ބައްރުގެ ރައްޔިތުންނަށް ކަމަށެވެ. ސަބަބަކީ އެފްރިކާއަކީ މި ވެކްސިންގެ އެންމެ ބޮޑު އިންސައްތައެއް ފެންނަމުންދާ ސަރަހައްދަސް ވުމެވެ.
މެލޭރިއާއިން ދިފާއުވުމަށް ހުއްދަދިން މި ވެކްސިނަކީ އިނގިރޭސިވިލާތުގެ ފާމަސޫޓިކަލް ކުންފުންޏެއްކަމުގައިވާ ގްލެކްސޯސްމިތްކްލައިން(ޖީއެސްކޭ)އިން އުފެއްދި ވެކްސިނެކެވެ. މި ވެކްސިންގެ ނަމަކީ "އާރްޓީއެސް،އެސް" މެލޭރިއާ ވެކްސިނެވެ.
މި ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވަނީ އެފްރިކާގެ ގާނާއާއި ކެންޔާ އަދި މަލާވީ ގައި ކުރިއަށްދާ ޕައިލޮޓް ޕްރޮގްރާމްގެ ނަތީޖާއަސް ބަލައިފައިއެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން 800000 އަށްވުރެ ގިނަ ކުޑަކުދިން ބައިވެރިވެފައިވާ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.
މެލޭރިއާ އަކީ މިހާރު ދުނިޔޭގައި ފެތުރެމުން އަންނަ އެންމެ ގިނަ ދުވަސްވީ ބައްޔެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެލޭރިއާ ޖެހިގެން ހަތަރު ލައްކައަށްވުރެ ގިނަ މީހުން ކޮންމެ އަހަރު ދުނިޔެއިން މަރުވެއެވެ. އަދި އޭގެ ތެރެއިން 260،000 އަކީ އެފްރިކާއަސް ނިސްބަތްވާ ކުޑަކުދިންނެވެ.




